ކުޑަކުދިންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކާއި އާއިލީ މައްސަލަތައް ތަހުގީގުކުރުމުގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށްޓަކައި، ފުލުހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
"ފެމެލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން" ގެ ނަމުގައި ކުރިއަށްގެންދާ މި ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގެ ސެންޓަރ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސް އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފް.ސީ.ޕީ) ގުޅިގެން ކުރިއަށްގެންދާ ސެޝަންތަކެކެވެ.
ޖުލައި މަހުގެ 5 އިން ފެށިގެން 25 ގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި މައްސަލަތައް ތަހުގީގުކުރާ 26 ފުލުހަކު ބައިވެރިވެއެވެ.
މި ކޯހުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާއި އާއިލާތަކާ ގުޅުންހުރި ނާޒުކު މައްސަލަތައް ބެލުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތައް ފުލުހުންނަށް އުނގަންނައިދީ، އެފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ގާބިލުކުން އިތުރުކުރުމެވެ.
އެގޮތުން ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކުގެ އިތުރުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކަށް ފުލުހުން އަހުލުވެރިކުރުވުން ހިމެނެއެވެ. މީގެ އިތުރުން، ތަހުގީގުގެ މަރުހަލާގައި ކުޑަކުދިންނާއި އާއިލާތަކާ ސުވާލުކޮށް، އިންޓަވިއު ކުރާނެ އެންމެ އެކަށީގެންވާ ސައިކޮލޮޖިކަލް އުސޫލުތައް ދަސްކޮށްދިނުމާ އެކު، ކުޑަކުދިންގެ އުމުރާ ގުޅޭގޮތުން ހެދިބޮޑުވުމަށް އަންނަ ބަދަލުތަކާއި އެކުދިންގެ ނަފްސާނީ ހާލަތްތައް ދެނެގަންނާނެ ގޮތްތައް ވެސް މި ކޯހުގެ ތެރެއިން އޮޅުންފިލުވައިދޭނެއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި ކޯހުގެ ސެޝަންތައް ވީހާވެސް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި، ދާއިރާއާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ ފަންނީ މާހިރުން ވެސް ބައިވެރިވެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.



