ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު ސައިޓުގައި އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ބަނދަރުގެ ކެޕިން ބީމް ކޮންކްރީޓް ކުރުމުގެ އަމަލީ މަސައްކަތްތަކެވެ. މި މަޝްރޫއަކީ އޭދަފުށީގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ރައްކާތެރިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރުގެ ސަރަހައްދު ބޮޑުކޮށް، ފަޅާއި ނެރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން ކުރިން ފުންކޮށްފައިވާ ފަޅުގެ ތެރެއިން 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއް އަލުން ފުންކުރުމާއި، 3,354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 402 މީޓަރުގެ އެއްގަމުތޮއްޓަކާއި، 170 މީޓަރުގެ ބޭރުތޮއްޓެއް ގާއިމުކުރުމުގެ އިތުރުން، 383 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް (ބޭރުތޮށީގެ ރައްކާތެރިކަމަށް ޖަހާ ހިލަ) ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
Project Update: Design and Build of B. Eydhafushi Harbor Construction Works
Capping beam concrete works are ongoing. Overall project progress is 54%.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/ZxXFoInv09
— MTCC Plc (@MTCCPlc) July 5, 2026
ބަނދަރުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި ލޮޖިސްޓިކްސް ބޭނުންތަކަށް ހާއްސަ ވަސީލަތްތަކެއް ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެއެވެ. އެގޮތުން އުޅަނދުފަހަރަށް މުދާ އެރުވުމާއި ބޭލުމަށް ފަސޭހަވާނެހެން 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު އަދި ދެ މީޓަރު ފުޅާ ބްރިޖެއް ބިނާކުރުން ހިމެނެއެވެ. ހަމައެއާއެކު ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެހެން 1,814 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ދޭއްޗާއި، ރޭގަނޑު ބަނދަރު ބޭނުންކުރަން ފަސޭހަވާނެހެން ބަނދަރު ބައްތި ހަރުކުރުމާއި، އުޅަނދުފަހަރު އަޅާފައި ބޭއްވުމަށް ބޭނުންވާ މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
ޖުމްލަ 64.67 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަކީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.




