އައިޖީއެމް ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނެޝަނަލް ކާޑިއެކް ސެންޓަރުގެ ނަން ކާޑިއޯވެސްކިއުލާ ސައިންސާ ބެހޭ ގައުމީ މަރުކަޒަށް ބަދަލުކޮށްފިއެވެ.
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، މާލޭސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ.
މި ރަސްމިއްޔާތުގަިއ ވާހަކަދައްކަވަމުން ހިތުގެ ބަލިތަކުގެ ހާއްސަ ދިވެހި ޑޮކްޓަރު، ޑރ. މިގްދާދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ކާޑިއެކް ސެންޓަރު ގާއިމުކުރުމުގެ ކުރިން ހިތުގެ ބަލިތަކަށް އެދެވޭ ފަރުވާއެއް ދެވެން ނެތް ކަމަށާއި، އޭރު ކުރެވޭހާވެސް ކަމަކީ ބޭސް ދިނުމަށްފަހު ރާއްޖޭއިން ބޭރަށް ބަލިމީހާ ފޮނުވާލުން ކަމަށެވެ. ހިތުގެ ބައްޔަކީ ހަމައެކަނި ބޭހުން ޝިފާލިބޭ ބައްޔަކަށް ނުވާތީ، އޭގެ ސަބަބުން ގިނަ ބަޔަކު ބޮޑެތި ތަކްލީފުތައް އުފުލައި، ފުރާނައަށްވެސް ނުރައްކާވަމުންދިޔަ ކަމަށެވެ. ނަމަވެސް، މި ސެންޓަރު އުފެދުމާއެކު ފަރުވާގެ ފެންވަރު ވަރުގަދަވެ، ވަސީލަތްތައް އިތުރުވުމުގެ ސަބަބުން މިހާރު މި ހިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހިދުމަތުގެ ކުރިއެރުމާއި މިހާރުގެ ތަފާސްހިސާބުތައް
ނެޝަނަލް ކާޑިއެކް ސެންޓަރުގެ ހެޑް އޮފް ޑިޕާޓްމެންޓް، ޑރ. މުހައްމަދު ޝަނީޒް ނަޖްމީ ވިދާޅުވި ގޮތުގައި، ސެންޓަރުގެ ފެށުން އައީ އެންމެ ދިވެހި ކާޑިއޮލޮޖިސްޓަކާއެކު، ބަލިމީހުންގެ ބޮޑު ބެކްލޮގެއް އޮވެގެންނެވެ. އެހެންނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން ހިދުމަތް ހޯދާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.
މިހާރު އެ ސެންޓަރުން ދެމުންދާ ހިދުމަތްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު:
-
އޯޕީޑީ ހިދުމަތް: އެވްރެޖްކޮށް 5،000 އެއްހާ ބަލިމީހުން އޯޕީޑީން ފަރުވާ ހޯދަމުންދެއެވެ.
-
އީސީޖީ : ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި އެންމެ އީސީޖީ މެޝިނަކުން އަހަރަކު 15،000 އަށްވުރެ ގިނަ އީސީޖީ ހަދައެވެ.
-
ހިތުގެ ސްކޭން: އަހަރެއްގެ މައްޗަށް 3،000 އާއި 4،000 އާ ދެމެދުގެ އަދަދަކަށް ހިތުގެ ސްކޭންތައް ކުރިއަށްގެންދެއެވެ.
ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުނުއިރު، ހިދުމަތްތައް އިތުރަށް ފުޅާކޮށް މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ޑރ. ޝަނީޒް ވިދާޅުވިއެވެ. އަދި އެ ސެންޓަރުގެ އެންމެ ބޮޑު އެއް އަމާޒަކީ، ކުރިއަށް އޮތް ބާރު މިނުގައި ރާއްޖޭގައި އޯޕަން ހާޓް ސާޖަރީ (ހިތުގެ ބޮޑެތި އޮޕަރޭޝަންތައް) ކުރަން ފެށުމުގެ އަމަލީ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލުން ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.



