މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސަލްސް) ޖެހުނު މީހުންގެ ޖުމްލަ އަދަދު 72 އަށް އަރާފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
މީގެކުރިން (2022 ވަނަ އަހަރު) ފެނުނު ހިމަބިހި ކޭސްތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ފައިސަލް މީސްމީޑިއާގައި ހިއްސާކުރެއްވި ގޮތުގައި، ބަލިޖެހުނު 72 މީހުންގެ ތެރޭގައި ހިމެނެނީ އެންމެ 4 ކުޑަކުދިންނެވެ. ބާކީ ހުރިހާ ކޭސްތަކަކީ ބޮޑެތި މީހުންނެވެ.
ބަލި ފެތުރެނީ ވެކްސިން ނުޖަހާތީ!
ޑރ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ތަނުގައިވެސް މި ބަލި އެންމެ ގިނައިން ޖެހިފައިވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަނުކުރާ މީހުންނަށެވެ. އެއީ ބަލިޖެހުމުގެ ނުރައްކާ އެންމެ ބޮޑު އާބާދީ ކަމަށާއި، ކޭސްތައް ފެނި ބަލި ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބަކީ ވެކްސިން ނުޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަނުވާ އެންމެހާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
އެޗްޕީއޭގެ ވެކްސިން ކެމްޕޭން ކުރިއަށް!
މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެންނަން ފެށުމާއެކު، ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޚާއްސަ ކެމްޕޭނެއް ފަށާފައެވެ.
މިދިޔަ މަހުގެ 28 ގައި ފެށި މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ މަރުހަލާގައި ވެކްސިން ދީފައިވަނީ ކުރިމަތީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށާއި، އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ކުދިންނަށެވެ.



