ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ގައުމީ މޫސުމާ ބެހޭ އިދާރާއިން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފިއެވެ.
ހަވީރު 5:00 އާ ހަމައަށް ނެރެފައިވާ މި އެލާޓްގައިވާ ގޮތުން އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގައި ކަނޑުތައް މަޑުވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ.
ރާޅުގެ އުސްމިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓާ ދެމެދުގައެވެ. އެހެން ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނަކަށް އުފުލޭނެ ކަމަށް ލަފާކުރެވެއެވެ. މިދުވަސްވަރަކީ ހުޅަނގު މޫސުން ފެށި، އާންމުކޮށް ރާއްޖެއަށް މޫސުން އެންމެ ގޯސްވާ ޖޫން އަދި ޖުލައި މަހެވެ.
ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ ވާރޭ ވެހިފައެވެ. އެގޮތުން ހދ. ކުޅުދުފުއްޓަށް 13.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެ އިތުރުން ބ. ގޮއިދޫއަށް 9.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ނ. މާފަރަށް 6.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައެވެ.



