ކޮރަޕްޝަނާއި ރިޝްވަތަކީ، އެއީ މުޅި އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް ކަމަށް ޚުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ދުވަހުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައިކަމުގެ މައްޗަށްށެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮރަޕްޝަނަކީ އިންސާނާގެ ފިޠުރަތު އެ ކަމަށް ނުރުހޭ، އަދި ބިން ފަސާދަކުރާ ނުބައި ޢަމަލެކެވެ. މުޖުތަމަޢުގައި ކޮރަޕްޝަނުގެ ނުބައި ޢަމަލުތައް ފެތުރިފައިވާ މިންވަރުން، އެއީ ކަން އޮންނަންވީ މަގުކަމުގައި އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮތުމަކީ ހިތާމަހުރި ކަމެއްކަން ފާހަގަކުރައްވައި، ނަހަމަ މަންފާއާ ދުރުހެލިވުމަށާއި، ޒިންމާދާރުކަމާ އެކު ޙައްޤުތައް އަދާކުރުމަށް އެންމެހައި މުސްލިމުންނަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން، ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން ފެތުރިގެންދާކަމަށް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. އަދި އެނގި ތިބެ އަމާނާތްތަކަށް ޚިޔާނާތްތެރިނުވުމަށާއި، މީސްތަކުންގެ މުދާތައް ބާޠިލު ގޮތުގައި ނުކެއުމަށް ކީރިތި ޤުރުއާނުގެ އާޔަތްތަކުން ދަލީލު ދައްކަވާފައިވެއެވެ. ޚިޔާނާތްތެރިކަމަކީ މުނާފިޤުންގެ ޢަލާމާތެއްކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ރިޝްވަތުގެ ނުބައިކަމަށް އަލިއަޅުވާލަމުން ޚުޠުބާގައި ބަޔާންކުރީ، ރިޝްވަތުދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް ކީރިތި ރަސޫލާ ﷺ ލަޢުނަތް ކުރައްވާފައިވާ ކަމަށެވެ. އަދި ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ބިނާވެގެންވާ މީހާއަކީ އީމާންކަމުގެ ނޫރު ކަނިވެ، ޙަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ މީހެއްކަމުގެ އިންޒާރު ވެސް ދީފައިވެއެވެ. މުއްސަނދިކަމަކީ މުދާ ގިނަވުން ނޫންކަމަށާއި، އެއީ ނަފުސުގެ ފުދުންތެރިކަންކަން ހަދީޘްފުޅުން ސާބިތުކޮށްދެމުން، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭނަމަ ފުދުންތެރިކަމުގެ މައްޗަށް ދިރިއުޅުން ބިނާކުރުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.
ޚުޠުބާ ނިންމާލާފައިވަނީ ދިވެހިރާއްޖެއަށް ބަރަކާތާއި ފާގަތިކަން މިންވަރުކޮށްދެއްވުން އެދި ދެންނެވި ދުޢާއިންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގައި ބަރަކާތްލައްވައި އިޤުތިޞާދު ވަރުގަދަކުރައްވައި، އެންމެހައި ރޯގާތަކާއި ބަލިމަޑުކަމުން ޤައުމު ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާކޮށްފައިވެއެވެ. ހަމައެހެންމެ، ފަލަސްޠީނުގެ ނިކަމެތިކޮށްފައިވާ މުސްލިމް އަޚުންނަށް ނަޞްރާއި އެހީތެރިކަން ދެއްވުން އެދި ވެސް ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ۔




