ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީގުކުރައްވައިފިއެވެ.
މި ބިލަކީ 2026 ޖުލައި 1 ވީ ބުދަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.
މި ބިލުގައިވާ ގޮތުން ސިނގިރޭޓް، ބިޑި، އަދި ހީޓަޑ ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފެއްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން (ކޮންސިއުމަބަލްސް) ނަގާ ޑިއުޓީ ވަނީ ބޮޑުތަނުން މަތިކޮށްފައެވެ. އެގޮތުން މިފަދަ ތަކެތިން ވަކިވަކިން ނަގާ ޑިއުޓީއަކީ 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދައާ ދުރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން މި ބިލުގައި މުހިންމު ލުޔެއް ވަނީ ހިމަނުއްވާފައެވެ. އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް އަދި އެފަދަ އެހެނިހެން ބާވަތްތަކުން މީގެފަހުން އެއްވެސް ޑިއުޓީއެއް ދައްކަން ނުޖެހޭގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ރަސްމީކޮށް ޢަމަލުކުރަން ފަށާފައެވެ.



