ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އަންރުވާ) މެދުވެރިކޮށް ފަލަސްތީނަށް 50،000 ޑޮލަރު ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ. އދ.ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޑރ. އަލީ ނަސީރު ވަނީ އެ އެހީ ރާއްޖެއިން ދޭން ނިންމިކަން ރަސްމީކޮށް އިއުލާނުކުރައްވާފައެވެ.
ޑރ. އަލީ ނަސީރު ވިދާޅުވީ، އަންރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ބަޖެޓެއް ކަނޑައެޅުން ފަދަ އިދާރީ ނިންމުމެއް ނޫން ކަމަށެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންގެ ކަރާމާތް ހިމާޔަތްކުރުމަށާއި ބައިނަލްއަގުވާމީ ނިޒާމު ދެމެހެއްޓުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އޭނާ ވަނީ އަންރުވާ ހިންގުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށާއި އެ އެޖެންސީއާ ދެކޮޅަށް ކުރާ ދޮގު ތުހުމަތުތައް ފާހަގަކުރައްވައި، ހަވާލުކުރެވިފައިވާ މުހިންމު ޒިންމާތައް އަދާކުރުމަށްޓަކައި އެ އެޖެންސީއަށް ދާއިމީކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލައްވައިފައެވެ.
"ދިވެހި ރައްޔިތުން އަބަދުވެސް ތިބީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާ އެކުގައެވެ."ޑރ. އަލީ ނަސީރު.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ރާއްޖެއިން މީގެ ކުރިންވެސް ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭން 2024 ވަނަ އަހަރު ވެސް އަންރުވާއަށް 50،000 ޑޮލަރު ދޭން ނިންމާފައިވެއެވެ.
އަދި އެ އަހަރު "ފަލަސްތީނާ އެކު ދިވެހިން" ނަމުގައި ބޭއްވި ބޮޑު ޓެލެތޯންއިން ލިބުނު 18.4 މިލިއަން ރުފިޔާ އާއި 49،800 ޑޮލަރު ވެސް މިހާރު ވަނީ ފަލަސްތީނަށް ރަސްމީކޮށް ހަދިޔާކޮށް ނިންމާފައެވެ.



