އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "މައިލޯސިޓީ" ނަމަކަށް ކިޔާ ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާތީ، އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ. ކޯޓުން މި އަމުރު ނެރެފައިވަނީ 2026 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަންތަން ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ދެވަނަ އަމުރެވެ.
މި އަމުރު ނެރުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބޭނުންވާ ތަކެއްޗާއި އެ ތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އެކަމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއަރައި، ބަޔަކަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އަމުރުގައިވެއެވެ. އަދި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، މީހުން ރަހީނުކުރުމާއި، ވައްކަން ކުރުން ފަދަ ނުރައްކާތެރި ޖިނާއީ ކުށްތައް ބަޔަކު ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.




