މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
މާލޭގެ ޓްރެފިކް މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކުރިން ޖޫން މަހަށް އަމާޒުހިފި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިހާރު މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވެނީ ޖުލައި މަހުގެ 26 އަށެވެ.
ތާރުއެޅުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު، އެކަމަށް ބޭނުންވާ މެޝިނަރީ މިހާރު ވަނީ އެ ސަރަހައްދަށް ގެންގޮސްފައެވެ. އަދި މިދިޔަ ހަފުތާއިން ފެށިގެން މަގުގެ އެކި ސެގްމަންޓުތައް އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބުރާސްފަތި ދުވަހު ސެގްމެންޓު 4 އަދި 5 އެއްވަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން މަގުގައްޔާއި ޕާކިންގ އޭރިއާގައި ދުވާރު ހެދުމުގެ މަސައްކަތާއި، އެއްގަމު ތޮށީގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ފެއްޓެވި "ރިންގް ރޯޑް" މަޝްރޫއުގެ ބައެއް ކަމަށެވެ.
"މާލޭގެ ވަށައިގެން ރިންގެއްގޮތަށް ތަރައްގީކުރާ މި މަގުގެ މަސައްކަތް ނިމުމުން، ބޭރުމަގަކީ ދެކޮޅަށް ދުއްވޭ ފުޅާ މަގަކަށް ވާނެ. އެއާއެކު މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކް ބާރުކުޑަވެ، ބޭރުމަގު ބޭނުންކުރާ އުޅަނދުތައް އިތުރުވާނެ،" ރައީސް ވިދާޅުވިއެވެ.
* ކުރިން ނިމިފައިވާ ބައި: އިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް ވަނީ ތާރުއަޅާފައެވެ.
* މިހާރު ކުރިއަށްދާ ފިޔަވަހި: ހެންވޭރު ޓާމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާ ހަމައަށް ތަރައްގީކޮށް ނިންމުން.
*ދެން ފެށޭނެ ފިޔަވަހި: މިހާރު ކުރިއަށްދާ ބައި ނިމުމުން، ނޯތު ހާބަރުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގެ ބޭރުމަގުން ގޮސް އަމީނީ މަގު ނިމޭ ހިސާބަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެއެވެ.




