ރާއްޖެއަށް އެތެރެކުރި އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާގެ ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރޭގައި ލަގެޖުގައި މަސްތުވާތަކެތި ފޮރުވައިގެން އައި މީހާގެ އިތުރުން، އެ ތަކެއްޗާ ހަވާލުވާން ދިޔަ ތިން މީހަކު ހިމެނެއެވެ.
ފުލުހުން ހިންގި ޚާއްޞަ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ލަގެޖުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އުމުރުން 36 އަހަރުގެ އަމިތު ކުމާރެވެ. އަދި އެ ތަކެއްޗާ ހަވާލުވާން އެއާޕޯޓަށް ދިޔަ ތިން މީހުންނަކީ އުމުރުން 23 އަހަރުގެ ރާހުލް ނިޝާދާއި، 26 އަހަރުގެ އަނިލް ކުމާރުގެ އިތުރުން 36 އަހަރުގެ އާކާޝް ޔަދާވްއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިހްސާން ނެރުއްވި ބަންދު އަމުރުގައިވާ ގޮތުން، މި މީހުންގެ ބަންދަށް އިއްޔެ ދީފައިވަނީ ދެ ދުވަހުގެ މުއްދަތެކެވެ. އެއީ އެމީހުންނަށް އަދި ތަރުޖަމާނަކު ހަމަޖެހިފައިނުވާތީއެވެ. މަސްތުވާތަކެތި އެތެރެކުރީ ގިނަ ބަޔަކު ބައިވެރިވެގެން ކަމަށާއި، މި މައްސަލާގައި ހައްޔަރުކުރި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި މިފަހުން އިންޑިއާގެ ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކުރަމުންދާއިރު، މީގެ ތެރޭގައި ނުރައްކާތެރި އާ ޕެޓާނެއް (އުސޫލެއް) ވަނީ ފާހަގަކުރެވިފައެވެ. ކޯޓުތަކުގައި ދިފާއީ ވަކީލުން ފާހަގަކުރައްވާފައިވާ ގޮތުގައި ހައްޔަރުކުރެވޭ ބައެއް ޒުވާނުންނަކީ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނެވެ. އެކުދިން ރާއްޖެއަށް ފޮނުވަނީ ގުރުއަތަކުން ހޮވުނު "ނަސީބުވެރިން" ކަމަށް ބުނެ، ލިބުނު ހިލޭ ދަތުރެއްގެ ގޮތުގައެވެ. އަދި އެމީހުންގެ އަތަށް ދަބަސް ނުވަތަ ތަކެތި ހަވާލުކުރަނީ ރާއްޖެއަށް ވިއްކަން ފޮނުވާ މުދަލެއްގެ "ސާމްޕަލް" ކަމަށް ބުނެ އޮޅުވާލައިގެންނެވެ.
ފުލުހުންވެސް ކޯޓުގައި ހާމަކޮށްފައިވާ ގޮތުގައި މިފަދަ ޕެޓާނަކަށް ކުށުގެ އަމަލު ހިންގާފައިވާ ހަތަރު ކޭހެއް މިހާރުވެސް އެބައޮތެވެ. ނަމަވެސް ކުށުގެ އަމަލުގައި މި މީހުން ބައިވެރިވުން އޮތް ކަމަށް ބެލެވޭ ގޮތް ހުރިހާ މައްސަލައެއްގައިވެސް ތަފާތެވެ. އެކަން އެންމެ ސާފުވަނީ ފޯނުތަކުގެ މޯބައިލް ފޮރެންސިކް ރިޕޯޓްތަކުން ކަމަށް ފުލުހުން ބުނެއެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުން އިތުރުވަމުންދާތީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ވަނީ މިދިޔަ އޭޕްރީލް މަހު ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ސަމާލުވާން އެދިފައެވެ.
އެންސީބީއިން ދަތުރުވެރިންނަށް އިރުޝާދު ދެނީ އެއާޕޯޓްތަކާއި، ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓްތަކުން ދަތުރުކުރާއިރު ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ އެއްވެސް ހާލެއްގައި ހަވާލުނުވުމަށެވެ. އަދި ކޮންމެ ދަތުރުވެރިއަކުވެސް އަމިއްލަ ދަބަހާއި ފޮށި ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ، ފާރަވެރިވެ ތިބުމަށް އެ އިދާރާއިން ވަނީ ލަފާދީފައެވެ.



