ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި އަންނަ މަހު ބޮޑު މަޝްރޫއެއް ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ހިންމަފުށީ ސެންޓަރު ތަރައްޤީކޮށް ނިމޭއިރު އެތަނަކީ އެއް ފަހަރާ 500 މީހުންނަށް ފަރުވާ ދެވޭނެ ފަދަ ބޮޑު ސެންޓަރަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާލުން ކަމަށާއި، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އެތަނުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި ބައިނަލްއަޤްވާމީ ފެންވަރުގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު ޤާއިމްކޮށްފައިވާ ޑްރަގް ރިހެބިލިޓޭޝަން ވަސީލަތްތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ފޯރުކޮށްނުދެވޭތީ، އެތަންތަނުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ރާވަމުންނެވެ.
"ހިންމަފުށީގައި ސެންޓަރުގެ ފަރުވާ އެންމެ ރަނގަޅެއް ނޫން. އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސްވެސް ހުރީ އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭ ހާލަތެއްގައެއް ނޫން. އެހެންކަމުން އެ ދެ ތަންވެސް ޒަމާނީ ގޮތަށް ބަދަލުކޮށް ޚާއްސަ ފަރުވާ ދެވޭނެ ސެޓަޕެއްގެ މަސައްކަތްވެސް އެބަ ކުރަން،" ވަޒީރު އިހުސާން ވިދާޅުވިއެވެ.
ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު 300 އަށްވުރެ ގިނަ ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ ފަރާތްތަކާމެދު މުޖުތަމައުން ދެކޭ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެފަދަ ފަރާތްތަކަކީ އަލުން އަނބުރާ މުޖުތަމައަށް އައިސް ރަނގަޅު ދިރިއުޅުމެއް ނޫޅެވޭނެ ބައެއް ކަމަށް ދެކޭ ވިސްނުމަކީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ކޮންމެހެންވެސް ބަދަލުވާންޖެހިފައިވާ ނޭދެވޭ ވިސްނުމެއްކަން ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.




