ދުންފަތާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅުއްވަނީ ވަރަށް ބޮޑަށް ރޭވިގެން، ވަށައިޖެހޭ ހައްލެއް ލިބޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ 'ނޭޝަން ޗެޓް' ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުންނާއި ސަރުކާރުގެ ސިއްހީ ސިޔާސަތުތަކާ ބެހޭގޮތުން ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ވޭޕް މަނާކުރުމާއި ޑިއުޓީއަށް ގެނައި ބަދަލުތައް
ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި ގޮތުގައި ރާއްޖޭގައި ވޭޕް މަނާކޮށް، 'ޖެނަރޭޝަނަލް ބޭން' އެއް ނުވަތަ ވަކި ޖީލަކަށް ދުންފަތް މަނާކުރުމުގެ ސިޔާސަތެއް ތައާރަފުކުރީ މުޖުތަމައު ސަލާމަތްކުރުމުގެ ބޭނުމުގައެވެ. ވޭޕް މަނާކުރުމުން އެ ބޭނުންކުރި ޒުވާނުން އާދައިގެ ދުންފަތުގެ އިސްތިއުމާލުކުރުމަށް ހުށަހެޅިގެންދާނެތީ، އެކަމަށް ވިސްނައި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ކުރިން ނިންމެވިއެވެ.
ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދިރާސާތަކަށް ރިއާޔަތްކޮށް، މިއަހަރަށާއި އަންނ އަހަރަށް ކަނޑައަޅާފައިވާ ރޭޓުތަކަށް ބެލުމަށްފަހު، މިހާރު ވަނީ ޑިއުޓީގެ ސްޕެސިފިކް ރޭޓް 4 ރުފިޔާއަށް ކުޑަކުރަން ނިންމަވާފައެވެ.
"އެއީ ހަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަރަށް ގިނަބަޔަކު ވޭޕް ހުއްޓާލުމުން ވަދެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން، އެކަމަށް ވިސްނާފައި. އެކަމުގެ ނަތީޖާވެސް ރަނގަޅު... އެހެންވެ އެއަށް ބަލާފައި އަޅުގަނޑުމެން މިކަނޑައެޅީ ބޮޑުކޮށްފައި މިއޮތް ސްޕެސިފިކް ރޭޓުން ކުޑަކުރަން 4 ރުފިޔާއަށް،" ރައީސް ވިދާޅުވިއެވެ.
ޖަމުޢިއްޔާތަކާއެކު ޚާއްޞަ ޤައުމީ ޕްރޮގްރާމެއް
ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ ތަފާތު މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ކުރިއަށް ރޭވިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނެނީ:
-
ފަރުވާގެ ނިޒާމު ހަރުދަނާކުރުން: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށްދޭ ފަރުވާގެ އެހީތެރިކަން އިތުރުކުރުން.
-
ރަށްރަށުގެ ޖަމުޢިއްޔާތައް ބައިވެރިކުރުން: ރަށްރަށުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް، ދުންފަތާ ދުރު ރައްޔިތުންތަކެއް ބިނާކުރުން.
-
ޤައުމީ ޕްރޮގްރާމެއް ފެށުން: ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ޚާއްޞަ ޤައުމީ ހަރަކާތެއް ފެށުން.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން ވަށާޖެހޭ ސިއްޙީ ދުޅަހެޔޮކަމުގެ ސިޔާސަތެއް ތަންފީޒުކުރައްވަން ފެއްޓެވީ، ޤައުމުގެ ކޮންމެ ކަމެއްގައިވެސް ދުޅަހެޔޮ މުޖުތަމަޢެއް އޮތުމަކީ އެންމެ މުހިންމު އަސާސް ކަމަށްވާތީއެވެ.



