ރައްޔިތުންގެ ބަހެއް ނެތި ވެރިކަމުގެ ނިޒާމު ބަދަލުވާ ނިޒާމެއް ރައްޔިތުން ބޭނުން ނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ދިވެހި ރައްޔިތުން ވަރަށް ސާފު ނިންމުމެއް ނިންމާފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއެކު، ދިވެހިން ބޭނުންވަނީ އެއްބައިވަންތަ ނުވަތަ ޔުނިޓަރީ ދައުލަތެއް އޮންނާނެ ނިޒާމެއް ކަމަށާއި އެއީ ރިޔާސީ ނިޒާމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށް ވާއިރު، ވެރިކަމުގެ ނިޒާމަކީ އެ ޚާއްޞަ ސިފަތައް ދަމަހައްޓާނެ ނިޒާމަކަށް ވުމަކީ ރައްޔިތުންގެ އެދުމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ އެއްބައިވަންތަކަން ބަދަލުކޮށްލާނެ ފަދަ ނިޒާމެއް ދިވެހިން ބޭނުންވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"ދިވެހިން އެދެނީ އެ ޚާއްސަ ސިފަތައް ދަމަހައްޓަން. އެހެން ނިޒާމެއް ގެނެސްގެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މަދު ބަޔަކު އެގޮތަށް ތާއީދުކޮށްފާނެ. އެ ޕާޓީއެއްގެ ލީޑަރުން އެގޮތަށް ނިންމީމަ،" ރައީސް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނެސްފިނަމަ ޤައުމަށް ވެގެންދާނެ ގޮތް ދިވެހިންނަށް ސާފުކޮށް އެނގޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގައި ބަރުލަމާނީ ނިޒާމު އޮތުމުގެ ސަބަބުން ކައިކައިރީގައި ބޮޑުވަޒީރުން ބަދަލުވާން މެދުވެރިވާކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވަނީ އިދިކޮޅު ފަރާތްތަކުން ވެރިކަމުގެ ނިޒާމު ބަދަލުކުރަން އުޅޭ މަޤްޞަދާމެދު ސުވާލު އުފައްދަވާފައެވެ. އެފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރާހިތްވާ މީހުން ގިނަކަމުން، އެންމެންނަށް ބޮޑެތި މަޤާމުތައް ދޭންޖެހޭ ކަމަށާއި، ރައީސްކަމާއި ބޮޑުވަޒީރުކަމުގެ އިތުރުން ފުރުޞަތު އޮތްނަމަ ރަސްގެފާނުގެ މަޤާމުވެސް އެމީހުން ގެންނަން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތީ ސީދާ ރިޔާސީ ނިޒާމެއް ނޫން ކަމަށް ވީނަމަވެސް، ޤާނޫނުއަސާސީ އެކުލެވިގެންވާ ގޮތުން މި ނިޒާމުގައި ގިނައީ ރިޔާސީ ނިޒާމުގެ ސިފަތައް ކަމަށް ރައީސް ބަޔާންކުރެއްވިއެވެ. ރިޔާސީ ނިޒާމެއްގައި ދައުލަތާއި ސަރުކާރުގެ ވެރިއަކީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އެކުލަވާލަނީ މަޖިލީހުގެ ތެރެއިން ކަމަށްވެފައި، ސަރުކާރުގެ ވެރިޔަކީ މަޖިލީހުގެ އަޣުލަބިއްޔަތުން ހޮވާ ބޮޑުވަޒީރެވެ. ދިވެހިރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ކަނޑައެޅުމަށް 2007 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ ސީދާ ވޯޓުގައިވެސް، ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ނިންމާފައިވަނީ ރިޔާސީ ނިޒާމު ކުރިއަށް ގެންދިއުމަށެވެ.



