އެސްޓީއޯއިން ހިންގަމުންދިޔަ ބޭސްފިހާރަތަކުގެ އިންވެންޓްރީގެ މަސައްކަތްތައް ކުރުމަށްޓަކައި މާދަމާއިން ފެށިގެން ފާމަސީތައް ބަންދުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި މި ފާމަސީތައް ބަންދުކުރަނީ އަލަށް އުފެއްދި ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) އަށް ބޭސްފިހާރަތައް ބަދަލުކުރުމުގެ ތައްޔާރީތަކުގެ ތެރެއިންނެވެ. އެގޮތުން މާދަމާ (24 ޖޫން) އާއި، މި މަހުގެ 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ފާމަސީތައް އިންވެންޓްރީއަށް ބަންދު ކުރި ނަމަވެސް، ކުއްލި ނުރައްކަލުގެ އަދި އެމަޖެންސީ ހާލަތްތަކުގައި ރައްޔިތުންނަށް ބޭނުންވާ ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް އެސްޓީއޯއިން ވަނީ ފަހިކޮށްދީފައެވެ. މި ސަރަހައްދުތަކުގެ އިންވެންޓްރީ މަސައްކަތްތައް މުޅިން ނިމުމުން، ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ އެންމެހާ ޚިދުމަތްތައް ރަސްމީކޮށް ބަލަހައްޓަމުންދާނީ ސްޓޭޓް ފާމާއިންނެވެ.
އެސްޓީއޯގެ ދަށުން ހިންގާ ހުރިހާ ބޭސްފިހާރަތަކެއް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެ ކުންފުނީގެ ފުރަތަމަ ފާމަސީ މިހާރު ވަނީ އައިޖީއެމްއެޗްގައި ހުޅުވާފައެވެ. ބޭސްފިހާރަތަކާ ހަވާލުވާއިރު ސްޓޮކް ހުރިގޮތް ސާފުކޮށް އެނގޭނެހެން އެކަމަށް ބޭނުންވާ ސިސްޓަމް އިންސްޓޮލޭޝަންގެ މަސައްކަތްތައް ޖުލައި މަހުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް ސްޓޭޓް ފާމާއިން މައުލޫމާތުދެއެވެ.
ދައުލަތުގެ ބޭސް ކުންފުނިން މިހާރުވެސް ދަނީ ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުންނެވެ. އެގޮތުން އެކަމަށް ޚާއްސަކޮށްގެން ހޮޓްލައިން ނަންބަރު 1050 ގެ ޚިދުމަތް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ. އާސަންދައިގެ ދަށުން ލިބޭ ބޭހާއި ނުލިބޭ ބޭސްތައްވެސް އިޖްތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.




