"5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ނާސަރީ ތަރައްޤީކުރުމަށް ބޭނުންވާ ގްރާންޓް އެހީގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށަކީ ހއ. ކެލާ އާއި، ށ. މިލަންދޫ އާއި، ނ. ކެނދިކުޅުދޫ އާއި، ރ. އިންނަމާދޫ އާއި، ބ. މާޅޮސް އާއި، އއ. މަތިވެރި އާއި، މ. މުލައް އާއި، ތ. ކިނބިދޫގެ އިތުރުން ގއ. ދާންދޫ އަދި ގދ. ތިނަދޫ ސިޓީ އެވެ.
މި އެއްބަސްވުމުގެ ދަށުން، ނާސަރީ ތަރައްޤީ ކުރުމަށް ކޮންމެ ރަށަކަށް 500,000 ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެއެވެ. މި ތަންތަނަކީ އެ އަތޮޅުތަކުގައި ގަސް އިންދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާ މައިގަނޑު މަރުކަޒުތަކަށް ވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެ މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެއެވެ. މި ނާސަރީތަކުން ހައްދާ ހުރިހާ ގަހެއް ގުނޭނީ ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. މީގެ އިތުރުން، މި މަސައްކަތް ހަރުދަނާކުރުމަށްޓަކައި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ "ގާޑަނިންގ" ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ 2023 ވަނަ އަހަރު ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙް ކުރީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހުއެވެ. މިހާތަނަށް މި މަޝްރޫޢަށް 5.8 މިލިއަނަށް ވުރެ ގިނަ އަހުދު ލިބި، 1.6 މިލިއަނަށް ވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. ސަރުކާރުގެ އަމާޒަކީ މި ހިނގާ 2026 ވަނަ އަހަރުގެ ތެރޭގައި އިތުރު 1 މިލިއަން ގަސް އިންދުމެވެ.




