ރާއްޖެއިން އެއްކޮށް ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިމަބިހި (މީސަލްސް) މިދިޔަ ހަފުތާގައިވެސް އިތުރު ދެ މީހަކަށް ޖެހި، މި އަހަރު މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 22 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެންނަން ފަށާފައިވާކަން އެޗްޕީއޭއިން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. މީގެ އިތުރުން ދެ ބިދޭސީއަކަށްވެސް މި ބަލި ޖެހިފައިވެއެވެ.
ބަލި ނައްތާލުމަށްފަހު އަލުން ފެނުން
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން 2017 ވަނަ އަހަރު ވަނީ ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައެވެ. ނަމަވެސް، 2020 ވަނަ އަހަރުގެ ތެރޭގައާއި، 2023 ވަނަ އަހަރުގެ އިތުރުން މި އަހަރުވެސް ރާއްޖެއިން މި ބަލީގެ ކޭސްތައް ވަނީ ފެނިފައެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި މިފަދަ ބަލިތައް އަލުން ފެންނަން މެދުވެރިވަނީ ބޭރު ގައުމުތަކުން ބަލި އެތެރެވުމުގެ ސަބަބުންނާއި، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާ މީހުން މުޖުތަމައުގައި އުޅޭތީއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތައް:
-
ގަދައަށް ހުންައައުން
-
ކެއްސުމާއި، އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން
-
ބަލީގެ އަލާމާތްތައް ފެންނާތާ 3 ނުވަތަ 5 ދުވަސް ތެރޭގައި މުޅި ގައިގައި ރަތް ބިހިތަކެއް ނެގުން (މި ބިހިތައް އާންމުކޮށް ފުރަތަމަ ނަގަނީ މޫނާއި ކަރުގައެވެ.)
ވެކްސިން ފުރިހަމަކުރުން މުހިންމު ހިމަބިހިން ރައްކާތެރިވުމަށް ދޭ އެމްއެމްއާރް ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަކީ ބަލިން ފުރިހަމައަށް ރައްކާތެރިވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ގައުމީ ވެކްސިން ތާވަލުގައިވާ ގޮތުން މި ވެކްސިންގެ ފުރަތަމަ ޑޯޒް ކުޑަކުދިންނަށް ދެނީ 9 މަހުގައެވެ. އަދި ދެވަނަ ޑޯޒް ދެނީ 18 މަހުގައެވެ. އެޗްޕީއޭއިން އިލްތިމާސްކުރަނީ މި ވެކްސިން ފުރިހަމަނުކޮށް ތިބި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށެވެ.
ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ދޭ އިރުޝާދު:
-
އަވަހަށް ފަރުވާ ހޯދުން: ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.
-
މާސްކު އެޅުން: ޑޮކްޓަރަށް ދެއްކުމަށާއި ފަރުވާ ހޯދަން ދާއިރު ކޮންމެހެންވެސް މާސްކު އަޅައިގެން ދިއުން.
-
އާންމު ދަތުރުފަތުރު ބޭނުންނުކުރުން: ބަލީގެ އަލާމާތްތައް ހުރިނަމަ ބަސް، ފެރީ، ނުވަތަ ޓެކްސީ ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުން.
-
އެކަހެރިވުން: ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެގެން ހުރުން.
-
އެއްވެ އުޅޭ ތަންތަނަށް ނުދިއުން: ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން.




