މާފުށީ ޖަލަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމާއި ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަގުސަދުގައި، އެ ޖަލު ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ ފުލުހުންނާ ގުޅިގެން ޖަލުގެ އެކި ބްލޮކްތަކާއި ގޮޅިތައް ފާާސް ކުރުމަށް ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ. މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސްއިން އަދި ހާމަނުކުރި ނަމަވެސް، މިއީ ޖަލުގެ އަމާންކަން ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރެއެވެ.
ޖަލުގައި ތިބޭ ގައިދީން މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން އާންމުންނަށް ގުޅައި، ފުޅާ ދާއިރާއެއްގައި ސްކޭމްގެ އަމަލުތައް ހިންގާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ޖަލަށް ފޯނާއި އެހެނިހެން މަނާ ތަކެތި އެތެރެވުން ހުއްޓުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި މި ފަހުން ޖަލުގެ ސަލާމަތީ ނިޒާމަށް ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި ވަނީ ފުރަތަމަ ފަހަރަށް 'ބެގެޖް ސްކްރީނިންގ' މެޝިނެއް ބަހައްޓައި، ޖަލަށް އެތެރެވާ ތަކެތި ފާސްކުރަން ފަށާފައެވެ. މީގެ އިތުރުން، ގައިދީންނާއި މުވައްޒަފުންގެ ހަށިގަނޑުގައި ފޮރުވައިގެން މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި، މިދިޔަ ފެބްރުއަރީ މަހު ބެހެއްޓި 'ބޮޑީ ސްކޭނިންގ' މެޝިނުގެ ބޭނުން އޭޕްރީލް މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.
މިފަދަ ފާސްކުރުންތަކުގެ ސަބަބުން ޖަލުގެ ތެރޭގައި ހިންގާ ޤާނޫނާ ޚިލާފު އަމަލުތައް މަދުވެ، ޖަލަކީ ރައްކާތެރި އަދި އިސްލާހީ މަރުކަޒަކަށް ހެދުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.



