އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެ ކޮލެޖު ޖޫރިމަނާކޮށްފިއެވެ.
އެމް.ކިއު.އޭ އިން ހާމަކުރި ގޮތުގައި، އެވިޑް ކޮލެޖުގައި ރަޖިސްޓަރީވެފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއް މިއަހަރުގެ ކުރީކޮޅު ވަނީ ފެންމަތިވެފައެވެ. އެ މައްސަލައާ ގުޅިގެން އެ ކޮލެޖަށް ނަސޭހަތްތެރިވެ، އިޞްލާޙީ ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިޢުލާނުކޮށްފައިވާނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
ނަމަވެސް، އެފަދަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އަނެއްކާވެސް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެމް.ކިއު.އޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެހެންކަމުން، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، ދެވަނަ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ އެވިޑް ކޮލެޖު ޖޫރިމަނާކޮށްފައެވެ. އެހެންނަމަވެސް، ޖޫރިމަނާ ކުރި ސީދާ އަދަދެއް އެ އޮތޯރިޓީން ހާމަކޮށްފައެއް ނުވެއެވެ.
އެމް.ކިއު.އޭ އިން އެކްރެޑިޓޭޝަން ދީފައިވާ ކޯސްތަކެއް ސްރީލަންކާގައި ގަވާއިދާ ޚިލާފަށް ހިންގި މައްސަލައެއްގައި، އެވިޑް ކޮލެޖަށް ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިއީ އެ ކޮލެޖުގެ މިފަދަ މައްސަލައެއް ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، އެމް.ކިއު.އޭގެ އުޞޫލުތަކާ ޚިލާފަށް ކޯސްތަކެއް ހިންގަން އިޝްތިހާރު ކުރި މައްސަލައެއް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ ފާހަގަކުރެވިފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އެވިޑް ކޮލެޖުން މީގެ ކުރިން ބުނެފައިވަނީ، އެ ކޮލެޖުން ގަވާއިދާ ޚިލާފަށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެމް.ކިއު.އޭ އިން އެފަދަ ނިންމުންތަކެއް ނިންމަނީ ކޮލެޖުގެ ނަން ކިލަނބުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެ ކޮލެޖުން އޭރު ތުހުމަތުކޮށްފައިވެއެވެ.



