މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޓްރޭނިން ސެންޓަރު ހިންގާ ކ.ގިރިފުށީގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއެއް މިއަދު ފަށައިފި އެވެ.
މި މަޝްރޫއު ފައްޓަވައިދެއްވީ ގިރިފުށި ޓްރޭނިން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ޑިފެންސް މިިނިސްޓަރު ހަސަން ރަޝީދެވެ. މި މަޝްރޫއުގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ.
މި މަޝްރޫއުގެ ދަށުން:
- މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރާނެ
- އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖަހައި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހާނެ
- އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދައި، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރާނެ
- މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ތަރައްގީކުރާނެ
- ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ގާއިމްކުރާނެ
އެމްއެންޑީއެފްއިން ބުނިގޮތުގައި، މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ބޭނުންވާ ތަމްރީންގެ ވަސީލަތްތައް ގާއިމްކޮށް، ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފެށިގެންދާ އެންމެ މުހިންމު އެންމެ ބޮޑު އެއް މަޝްރޫއެވެ. މި ރަށް ވެގެންދާނީ، ހަރުދަނާ ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް މިހާރު ހިނގަމުންދާ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީންތަކުގެ މައި މަރުކަޒަކަށް ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެގޮތުން، އެރަށުގައި ދިވެހި އަސްކަރިއްޔާގެ އޮފިސާ ޓްރެއިނިން ވިންގާއި، އެންސީއޯ އެކެޑަމީން ހިންގާ މުހިންމު ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި، ސަޕޯޓް ނިޒާމްތައް ތަރައްގީކުރެވިގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.




