ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ކަންބޮޑުވާންޖެހޭ މިންވަރަށް ދަށަށް ދިއުމަށްފަހު އަލުން ކުރިއެރުން ހޯދާފައިވަނީ ބޭރުގެ މާލީ އެހީތެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ރާއްޖޭގައި މާރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" (ޖޫން 2026) ރިޕޯޓުގައި ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާ ގުޅޭގޮތުން މުހިންމު ތަފްސީލުތަކެއް ވަނީ ހިއްސާކޮށްފައެވެ.
ރިޒާވް 1.3 ބިލިއަން ޑޮލަރަށް މައްޗަށް
-
ރިޒާވްގެ ކުރިއެރުން: 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރިޒާވް 371.2 މިލިއަން ޑޮލަރަށް ދަށަށް ދިޔުމަށްފަހު، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރިޒާވް ވަނީ 1.3 ބިލިއަން ޑޮލަރަށް (2.6 މަހުގެ އިމްޕޯޓަށް ފުދޭވަރަށް) އިތުރުވެފައެވެ.
-
އެޅި ފިޔަވަޅުތައް: ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި މި ކުރިއެރުން އައީ ބޭރުގެ މާލީ އެހީތެރިކަމުގެ އިތުރުން، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ލިބޭ އާމްދަނީގެ ބައެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުކުރާ ގޮތަށް ހެދި ހަރުދަނާ ގަވާއިދުތަކުގެ ސަބަބުންނެވެ.
ދަރަނި ދެއްކުމާއި ފަހުގެ ހާލަތު
ނަމަވެސް، މިދިޔަ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކާއި އިންޑިއާއާއެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުން ކާމިޔާބުކަމާއެކު ދެއްކުމާއި ގުޅިގެން، ރާއްޖޭގެ ރިޒާވް ވަނީ އަލުން 717.9 މިލިއަން ޑޮލަރަށް (1.4 މަހުގެ އިމްޕޯޓަށް) ދަށަށް ގޮސްފައެވެ.
ދަރަނިތައް ވަގުތަށް ދެއްކުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވި ނަމަވެސް، މިއަހަރުގެ ބާކީ ބައިގައިވެސް ބޭރުގެ ދަރަނީގެ ގޮތުގައި 1.0 ބިލިއަން ޑޮލަރު ދައްކަން އެބައޮތްކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.
އިގްތިސާދީ ދުވެލި މަޑުޖެހުން
-
ފަތުރުވެރިކަމަށް ބުރޫއެރުން: މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އައި ބުރޫތަކާއެކު، މާރިޗު މަހު 20.7 އިންސައްތަ އަދި އެޕްރީލް މަހު 24.4 އިންސައްތަ ފަތުރުވެރިން އައިސްފައިވާ ނިސްބަތް ވަނީ ދަށަށް ގޮސްފައެވެ.
-
ޖީޑީޕީ ދަށަށް: މީގެ ސަބަބުން 2025 ގައި 6.3 އިންސައްތައިގައި ކުރިއެރުނު ރާއްޖޭގެ އިގްތިސާދު މިއަހަރު (2026) 0.7 އިންސައްތައަށް ދަށަށްދާނެ ކަމަށް ލަފާކުރެވެއެވެ.
އިސްލާހީ ފިޔަވަޅުތަކުގެ މުހިންމުކަން
މާލީ އަދި ދަރަނީގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، ހުރިހާ އެންމެންނަށް ދޭ ޖެނެރަލް ސަބްސިޑީތަކުގެ ބަދަލުގައި ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ދިނުމަށާއި، އާސަންދަ ނިޒާމު އިސްލާހުކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ބާރުއަޅާފައެވެ.




