2026 ގެ ފީފާ ވޯލްޑް ކަޕްގައި އަލަށް ތައާރަފުކުރި ގަވާއިދެއްގެ ދަށުން، މޫނުމަތީގައި (ނުވަތަ އަނގަމަތީގައި) އަތްއަޅައިގެން ހުރެ ވާހަކަދެއްކުމުގެ ސަބަބުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ފުރަތަމަ ކުޅުންތެރިޔާގެ ހިތްދަތި ޝަރަފު ޕެރަގުއޭގެ މިޑްފީލްޑަރު މިގޭލް އަލްމިރޯން ހޯދައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ކެލިފޯނިއާގައި ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި ތުރުކީއާ ދެކޮޅަށް ޕެރަގުއޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ޕެރަގުއޭ 1-0 އިން ކުރީގައި އޮއްވައި، ދެ ގައުމުގެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ހޫނު ބަހުސެއްގެ ތެރެއިން، އަލްމިރޯން ވަނީ އަތުން އޭނާގެ އަނގަމަތި ނިވާކޮށްގެން ހުރެ ތުރުކީގެ ކުޅުންތެރިޔާ މާޓް މުލްދުރާ ދިމާލަށް އެއްޗެހިތަކެއް ބުނެފައެވެ.
މި މަންޒަރު ފެނުމާއެކު ތުރުކީގެ ކުޅުންތެރިން ވަނީ ރެފްރީ އީވާން ބާޓަންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ހާދިސާ ބެލުމަށްފަހު، ރެފްރީ ވަނީ އަލްމިރޯނަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މިއީ ދަނޑުމަތީގައި ކުޅުންތެރިން ކުރާ ނަސްލީ ތަފާތުކުރުންތަކާއި ހުތުރު ބަސްތައް ހުއްޓުވުމަށްޓަކައި ފީފާއިން މި ފަހަރުގެ ވޯލްޑް ކަޕަށް ޚާއްސަކޮށް ނެރުނު އާ ގަވާއިދެކެވެ. "ވީނީ ރޫލް" ގެ ނަމުން މަޝްހޫރުވެފައިވާ މި ގަވާއިދު ހެދީ މިއަހަރުގެ ކުރީކޮޅު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއާ ދިމާލަށް ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ އަނގަމަތީގައި އަތްއަޅައިގެން ހުރެ ހުތުރު ބަސްތަކެއް ބުނި ހާދިސާއާ ގުޅިގެންނެވެ.
އަލްމިރޯން ދަނޑުން ފޮނުވާލުމުން ޕެރަގުއޭއިން މެޗުގެ ބާކީ ބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނަމަވެސް، އެ ގައުމުން ވަނީ ހިތްވަރާއެކު ނަތީޖާ ހިފަހައްޓައި 1-0 އިން ތުރުކީ ބަލިކޮށް މުހިންމު މޮޅެއް ހޯދާފައެވެ.




