ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރަކީ 15 އަހަރު ކަމަށް ކަނޑައެޅި ފުރަތަމަ އަރަބި ގައުމަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ވެއްޖެއެވެ.
ބުރާސްފަތި ދުވަހު ފާސްކުރި ކެބިނެޓް ގަރާރެއްގެ ދަށުން، 15 އަހަރު ނުފުރޭ ކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަމިއްލަ އެކައުންޓް ހެދުމާއި، ބޭނުންކުރުން ނުވަތަ ހިންގުމަކީ މަނާކަމެކެވެ. މީގެ އިތުރުން، މިފަދަ ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމުގެ ފުރުސަތުވެސް އެ ކުދިންނަށް ބަންދުވާނެއެވެ.
މި ނިންމުމުގެ މައިގަނޑު މަގުސަދަކީ އިންޓަރނެޓްގެ ޒަރީއާއިން ކުރިމަތިވެދާނެ ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމެވެ. މީގެ ތެރޭގައި ގިނަވަގުތު ސްކްރީނަށް ހުށަހެޅިފައި ހުރުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ހިމެނެއެވެ. ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ކުޑަކުދިން ދުވާލަކު އެވްރެޖްކޮށް ތިން ގަޑިއިރު މިފަދަ އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ހޭދަކުރެއެވެ.
އުމުރުން 15 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް މިހާރަށްވުރެ ހަރުކަށި ރައްކާތެރިކަމުގެ އުސޫލުތަކެއް ތަންފީޒުކުރެވޭނެއެވެ. މީގެ ތެރޭގައި އުމުރާ ގުޅޭ ކޮންޓެންޓް ފިލްޓަރުތައް ބޭނުންކުރުމާއި، ނުދަންނަ މީހުންނާ މުއާމަލާތްކުރުން ހަނިކުރުމާއި، ސްކްރީން ޓައިމް ލިމިޓް ކުރުމުގެ އިތުރުން ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭނެ ނިޒާމުތައް ހިމެނެއެވެ.
ސޯޝަލް މީޑިއާ ކުންފުނިތަކުން، އެ ޕްލެޓްފޯމްތައް ބޭނުންކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރުމަށް ވަރުގަދަ ނިޒާމުތަކެއް ގާއިމުކުރަން ޖެހޭނެއެވެ. މިކަމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ބަޔޯމެޓްރިކް ވަސީލަތްތައް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. މި ގަވާއިދަށް އަމަލުކުރުމަށް ކުންފުނިތަކަށް 12 މަސްދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ މުއްދަތުގައި އިސްލާހުނުވާ ކުންފުނިތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކުރިމަތިވުމުގެ އިތުރުން ޔޫއޭއީގައި އެ ހިދުމަތްތައް ބްލޮކްކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މި ނިންމުމަކީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ރެގިއުލޭޓް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެކެވެ. މީގެ ކުރިން އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅަން ފަށާފައެވެ.




