ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު މަޑުޖެހުނު ނަމަވެސް، 2027 ވަނަ އަހަރުން ފެށިގެން އިޤްތިޞާދު އިޔާދަވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ލަފާކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އައި.އެމް.އެފްގެ މިޝަން ޓީމަކުން މިދިޔަ ޖޫން މަހުގެ 4 އިން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ބަޔާނެއްގައެވެ. މި ޓީމުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޕިޔަޕޯން ސޮޑްސްރިވިބޫން އެވެ.
އައި.އެމް.އެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރަމުންދާތީ، 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 1 އިންސައްތައަށެވެ. ނަމަވެސް، 2027 ވަނަ އަހަރުން ފެށިގެން އިޤްތިޞާދީ ހާލަތު ރަނގަޅުވާން ފަށައި، މެދު ރާސްތާގައި އިޤްތިޞާދީ ދުވެލި 4 އިންސައްތައިގައި ހުންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުވާލަމުން އައި.އެމް.އެފުން ބުނީ، ދާދި ފަހުން ދަރަނި އަދާކުރުމުގެ ސަބަބުން ވަގުތީ ލުޔެއް ލިބުނު ނަމަވެސް، ޖުމްލަ ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ދަރަނި އަދިވެސް ހުރީ ނިސްބަތުން މަތީ މިންވަރެއްގައި ކަމަށެވެ. އަދި ބޭރުގެ ދަރަނި ދެއްކުމުގައި ހުރި ނުރައްކާ އަދިވެސް ބޮޑުކަން އެ އިދާރާއިން ފާހަގަކުރިއެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި، ސަރުކާރުން ޚަރަދު ކުޑަކުރުމުގެ އިތުރުން އާމްދަނީ އިތުރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައި.އެމް.އެފުން ލަފާދެއެވެ. މީގެ ތެރޭގައި ސަބްސިޑީގެ ނިޒާމު މުރާޖައާކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ސީދާ ފޯރުކޮށްދިނުމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުން ހިމެނެއެވެ.
މީގެއިތުރުން، މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށުމާއި، ފޮރިން އެކްސްޗޭންޖް ރިޒާވް ބިނާކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކުރުމަކީ ރާއްޖޭގެ މާލީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.



