އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ، ބަންދުގައި ތިބޭ ގައިދީންނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، ފުރިހަމަ މިނިވަން އިޚްތިޔާރުގައި ގުނަވަން ހަދިޔާކުރާނެ ބައެއް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ފާސްކުރި މި ބިލު، އަލުން އިސްލާހުކުރުމަށް އެދިވަޑައިގެން ރައީސް އަނބުރާ ފޮނުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
މަޖިލީހަށް ފޮނުއްވި ސިޓީގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން މުހިންމު ދެ ކަމެއް މަޖިލީހުން ވަނީ އުނިކޮށްފައެވެ. އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވުމާއި، ކުށެއްގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމެވެ.
ރައީސް ވިދާޅުވީ، މި ޝަރުތުތަކަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ގުނަވަން ހަދިޔާކުރުން ކަށަވަރުކުރުމަށްޓަކައި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވެސް ބަލައިގަނެފައިވާ މިންގަނޑުތަކެއް ކަމަށެވެ. އަދި ގާނޫނު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި މި ޝަރުތުތައް ބިލުގައި ހިމެނުން މުހިންމު ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވައެވެ.
"ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ހަނިވެ، ޚާއްސަ ހާލަތްތަކެއްގައި ތިބޭ ބައެއް ކަމަށްވާއިރު، އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި، ފުރިހަމަ ރުހުމުގައި ގުނަވަން ހަދިޔާކުރުން ފަދަ ކަމަކަށް އެފަދަ ބަޔަކަށް ރުހުން ދެވިދާނެ ކަމަކަށް ނުފެނޭ،" ރައީސްގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް މިއަދުގެ ޖަލްސާގައި ވަނީ ނިންމާފައެވެ.



