ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ)، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
ޞާދިޤް މެންބަރުކަމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމަނިކުފާނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ޕީއެންސީގެ އަޙްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ހާމަވުމާ ގުޅިގެން، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޞާދިޤާ ވާދަވެރި ކެމްޕޭނަކަށްފަހު ކުރި ހޯއްދެވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދު (ސޮޑާ) އާ ވާދަކުރައްވައެވެ.
ވަރަށް ވާދަވެރިކޮށް ދިޔަ މި އިންތިހާބު ޞާދިޤް ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ޞާދިޤަށް 1,375 ވޯޓު ލިބިވަޑައިގަތްއިރު، ޕީއެންސީގެ ކެންޑިޑޭޓް ސަޢީދަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ.
ޢަބްދުﷲ ޞާދިޤަކީ އައްޑޫ ސިޓީގެ މޭޔަރުކަން 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް، ވިދިވިދިގެން 10 އަހަރު ދުވަހު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ ފަހުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.



