ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހުގެ ފުރަތަމަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
މި މައްސަލައަކީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ. ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ ހައިކޯޓުން މައްސަލަ ބެލިއިރު، އަލަށް ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ނިންމި ނިންމުމެވެ. ސުޕްރީމް ކޯޓުގެ ތާވަލުގައިވާ ގޮތުން މި މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.
ވ. އާރަށް މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން، އެމަނިކުފާނަށް ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ނަމަވެސް، ހައިކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން، ރިޝްވަތު ދިނުމުގެ ކުށް ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އޭނާގެ މައްސަލަ ވެސް އަލުން ބެލުމަށް ހައިކޯޓުން ވަނީ ދަށު ކޯޓަށް ތަހުވީލުކޮށްފައެވެ. ސުޕްރީމް ކޯޓުން އަންނަ މަހު ކުރާ ހުކުމަކީ މި މައްސަލައިގެ ޝަރުއީ މަރުހަލާގައި ވަރަށް މުހިންމު ނިންމުމަކަށް ވެގެންދާނެއެވެ.




