ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މ. ވޭވަށު ކައުންސިލް މެންބަރުކަމުގެ ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިކިތަކެއް ހުރުމުން، އެއީ ބާތިލް ވޯޓުތަކެއް ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން، 121 ވޯޓާއެކު އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން އެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބިވަޑައިގަތީ 119 ވޯޓެވެ.
ނަމަވެސް، އަހުސަނަށް ލިބުނު ވޯޓު ކަރުދާސްތަކުގެ ތެރެއިން ތިން ކަރުދާހެއްގައި އިތުރު ފާހަގަތަކެއް (ތިކިތަކެއް) ހުރި ކަމަށް ބުނެ، ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ހުކުމް ކުރީ އެ ތިން ވޯޓަކީ ބާތިލް ވޯޓުތަކެއް ކަމަށެވެ. އެ ނިންމުމާއެކު އަހުސަންގެ ސައްހަ ވޯޓުގެ އަދަދު 118 އަށް މަދުވެ، 119 ވޯޓާއެކު ގޮނޑީގެ ނަތީޖާ ނަޒީހުގެ ކޮޅަށް އެނބުރިގެން ދިޔައެވެ.
ހައިކޯޓުގެ މި ނިންމުން އަހުސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރެއްވި ހުކުމުގައި ވަނީ ހައިކޯޓުގެ ހުކުމް ބާތިލްކަމަށް ކަނޑައަޅުއްވާފައެވެ. ސުޕްރީމް ކޯޓުގެ މި ހުކުމާއެކު، ވޭވަށު ކައުންސިލްގެ އެ ގޮނޑި އަލުން އަހުސަނަށް ވަނީ ކަށަވަރުވެފައެވެ.




