ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ޚާއްޞަ މުޝީރުގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.
މީގެކުރިން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަޤާމު ފުރުއްވި އާދަމް ނަޞީރު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، އެހެން ބައެއް ވަޒީރުންނާ އެކު މިދިޔަ އޭޕްރީލް މަހު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އޭގެ ފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ޤައުމިއްޔަތާބެހޭ ޚާއްޞަ މުޝީރުގެ މަޤާމަށް އޭނާ އައްޔަންކުރެއްވި ނަމަވެސް، އެ މަޤާމާ ހަވާލުވެވަޑައިގަތްތާ 24 ގަޑިއިރުވެސް ނުވަނީސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އާދަމް ނަޞީރު މަޤާމުން އިސްތިއުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.




