އަންހެނަކު އެހެން ފަރާތަކަށް ވިއްކާލާނެ ކަމަށް ބުނެ، އޭނާގެ ކުރީގެ ފިރިމީހާ މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތަށް ބަލާއިރު، އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމުގެ އިންޒާރު ކުރީގެ ފިރިމީހާ ދީފައިވާ ކަމަށެވެ.
ނަމަވެސް، މި ހާދިސާގައި ޖިންސީ ގޯނާގެ އެއްވެސް އަމަލެއް ހިނގާފައިވާ ކަމުގެ ތުހުމަތެއް ނެތް ކަމަށާއި، އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމުގެ ނުވަތަ އިންސާނީ ވަގުފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައިވާ ކަމުގެ ނިޝާނެއް މިހާތަނަށް ފެންނަން ނެތް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލައި، ތަހުގީގު ކުރަމުންނެވެ.



