ނ. ލަންދޫގައި ހުމާއި ރޯގާ ފެތުރި، ބަލިވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވަމުންދާތީ، ކޮވިޑް-19 އާއި އިންފްލުއެންޒާއަށް ޓެސްޓުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފިއެވެ.
ލަންދޫން މަޢުލޫމާތު ލިބޭގޮތުގައި، ގަދަޔަށް ހުންއައުމާއި، ކެއްސުމުގެ އިތުރުން ބޮލުގައި ރިއްސުން ފަދަ ޢަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން، ބަލީގެ ހާލަތު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ނިސްބަތްވެސް މިހާރު ވަނީ މަތިވެފައެވެ.
މި ބަލިމަޑުކަން ރަށުތެރޭގައި ފެތުރެން ފަށާފައިވަނީ މިއަހަރުގެ ޙައްޖު ދުވަހާ ދިމާކޮށް ކަމަށް ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ އަދަދުވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް މަދުވެފައެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލް ބަންދުކުރުމާ ގުޅޭގޮތުން ލަފައަކަށް އެދުމުން، އެޗްޕީއޭއިން ލަފާދީފައިވަނީ ރަށުގައި ކޮވިޑާއި އިންފްލުއެންޒާގެ ޓެސްޓުތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން، މި ޓެސްޓުތައް ހެދުމުގެ އިންތިޒާމުތައް މިހާރު ރަށުގައި ހަމަޖައްސަމުންދާކަމަށް ލަންދޫން މަޢުލޫމާތުދެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދުވަސްވަރަކީ މުޅި ރާއްޖޭގައިވެސް ޑެންގީ ހުމާއި އިންފްލުއެންޒާގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެކެވެ. މީގެ އިތުރުން، ދާދި ފަހުން ރާއްޖެއިން ހިމަބިހި ފެނިފައިވާތީ، އެ ބަލި ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.



