އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ ޚިދުމަތް ވަންގަވް ޕޯޓަލްއަށް ބަދަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ "ދިރިތި" ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންދާ "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ" ޚިދުމަތް، 7 ޖޫން 2026 އިން ފެށިގެން "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން، 3 ޖޫން 2026 ވަނަ ދުވަހުގެ 14:00އިން ފެށިގެން ދިރިތި ޕޯޓަލްއިން މި ޚިދުމަތް މެދުކަނޑާލާނެ ކަމަށާއި، އޭގެ ފަހުން މި ޚިދުމަތަށް އެދި ހުށައެޅޭނީ 7 ޖޫން 2026 އިން ފެށިގެން ވަން ގަވް ޕޯޓަލްއިން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ މި މުއްދަތުގެ ތެރޭގައި ދިރިތި ޕޯޓަލްގައި ދަފްތަރުކޮށްފައިވާ ފަރާތްތައް ވަން ގަވް ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަދި 3034221 އަށް ގުޅުއްވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.




