ލ. ވޭވަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެފައި ވަނިކޮށް، ހައިކޯޓުގެ ހުކުމަކުން އެ ނިންމުން ބާތިލުކޮށް ޕީއެންސީގެ ކެންޑިޑޭޓަށް ގޮނޑި ދިނުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށު ކައުންސިލްގެ އާންމު މެންބަރުންގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި، ދެ ވޯޓުގެ ތަފާތުން ކުރި ހޯއްދަވައިގެން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްއެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ ދެއްކި ގޮތުން އަހްސަންއަށް 121 ވޯޓު ލިބިވަޑައިގެންނެވިއިރު، ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ނަޒީހަށް ލިބިވަޑައިގަތީ 119 ވޯޓެވެ.
ނަމަވެސް، މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ވޯޓުތަކުގެ ތެރެއިން ތިން ވޯޓެއް ބާތިލު ކުރުމަށެވެ. މި ނިންމުމާއެކު އަހްސަންގެ ވޯޓުގެ އަދަދު 118 އަށް ތިރިވެ، 119 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް ނަޒީހު އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ވަނީ ކަނޑައަޅާފައެވެ.
ހައިކޯޓުގެ މި ހުކުމް ގަބޫލުނުކޮށް، އެމްޑީޕީގެ ފަރާތުންނާއި ކެންޑިޑޭޓް އަހްސަން ނައީމްގެ ފަރާތުން މިހާރު ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމިކަން އަދި ސާފުވެފައި ނުވީ ނަމަވެސް، ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތުގައި މި ގޮނޑިއަށް އިންތިޚާބުވި މެންބަރު ހުވައި ކުރައްވާފައި ނުވާކަން ފާހަގަކުރެވެއެވެ.



