މިއަދަކީ ބަރަކާތްތެރި ޢަރަފާތް ދުވަސް ނުވަތަ ޙައްޖު ދުވަސް ކަމަށްވާއިރު، މިއީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުން އެދި ދުޢާކުރުމުގެ މާތް ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހައްޖު ދުވަހުގެ މުނާސަބަތުގައި ރައީސް އޮފީހުން މިއަދު އާންމުކުރި މެސެޖެއްގައި، އެމަނިކުފާނު ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށް ހެޔޮ ދަރުމައާއި ޘަވާބު ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.
"އެކްސް" މެދުވެރިކުރައްވައި ރައީސް ދެއްވި މި މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.
ރައީސްގެ މެސެޖުގައި، މި ބަރަކާތްތެރި ދުވަސް ސިފަކުރައްވާފައިވަނީ އިންސާނުންނަށް މާތްﷲގެ ރަޙްމަތާއި ބަރަކާތް އޮހޭ، އަދި އަޅުތަކުންގެ ފާފަފުއްސެވުމުގެ މަތިވެރި ފުރުޞަތު ލިބިގެންދާ ދުވަހެއްގެ ގޮތުގައެވެ.
މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ޙާޖީންގެ މަޢުލޫމާތު ހިއްސާކުރައްވަމުން ސަރުކާރުން ވިދާޅުވެފައިވަނީ، ބަލިވެ އުޅޭ އެންމެ ހާޖީއަކު ފިޔަވައި، ރާއްޖޭގެ ހުރިހާ ޙާޖީންވެސް މިވަގުތު ތިބީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި ޢަރަފާތް ބިމުގައި ކަމަށެވެ. އަދި ހުރިހާ ޙާޖީންގެ ޙާލުވެސް މިވަގުތު ރަނގަޅު ކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވައެވެ.
ޙައްޖު ދުވަހަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން އެއްބިމަކަށް ޖަމާވެ، މާތްﷲގެ ކިބަފުޅަށް ދުޢާ ދަންނަވާ މަތިވެރި ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.




