އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް)، 10 ދުވަހުގެ ބަންދުގެ މުއްދަތަށްފަހު މިއަދު މިނިވަންކޮށްފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ޝަމްޢޫން ހައްޔަރުކޮށް، ބަންދަށް 10 ދުވަހުގެ މުއްދަތެއް އިތުރުކޮށްފައިވާއިރު، އޭނާ ބަންދުން ދޫކޮށްލިކަން އޭނާގެ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ "އެކްސް" މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން އެމްޑީޕީ ހަރުގެ ސަރަހައްދުން ފެށި މި އިހުތިޖާޖުގައި، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. މި ހަމަނުޖެހުންތައް އެންމެ ފުރަތަމަ އުފެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހުންނަ ސަރަހައްދުންނެވެ.
މި މުޒާހަރާގެ ތެރެއިން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ފިރިހެނުންނާއި ދެ އަންހެނުންނެވެ.




