ސަރުކާރު ޓެކްސީ ލައިނަށް އާންމުންގެ ޑިމާންޑު އިތުރުވަމުންދާ ކަމަށާއި އެ ހިދުމަތަށް އާންމުންްގެ ފަރާތުން ލިބޭ ފީޑުބެކްވެސް ރަނގަޅު ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެެއްޖެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، އަލަށް ފެށި ހިދުމަތަކާއި ބަލައި އާންމުންގެ ފަރާތުން ލިބެމުންދާ ފީޑުބެކާއި ތަރުހީބު ވެސް ރަނގަޅު ކަމަށެވެ.
އޭގެތެރޭގައި ޓެކްސީ ލިބުމަށް ހޭދަވާ ވަގުތާއި ހިދުމަތްދޭ ޑްރައިވަރުންނާއި ބެހޭގޮތުން ވެސް ވަރަށް ރަނގަޅު ފީޑުބެކް އާންމުންގެ ފަރާތުން ލިބެމުންދާ ކަމަށް މުންދު ވިދާޅުވި އެވެ.
އެކަމަކު ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެ ކަން ވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ޔަގީންކުރެވޭ މި ހިދުމަތަކީ ރަނގަޅު ނިޔަތެއްގައި މުހިންމު ހިދުމަތެއް ރައްޔިތުންނަށް ލިބިވަޑައިގަންނަވާ ހިދުމަތަކަށް ވާތީ އެ ބަލައިގަނެ ވަރަށް ގިނަ ބޭފުޅުން ހިދުމަތް ހޯދަމުން އެބަ ގެންދަވާތީ އެޔަށްވެސް ޑިމާންޑު ވެސް މިދަނީ އިތުރުވަމުން،" މުންދު ވިދާޅުވި އެވެ.



