ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަނަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ކަމަށްވާ، މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހީަމް މުހައްމަދު ސޯލިހުު އެކުގައި މަސައްކަތް ކުރެއްވުމަށް މިރޭ އެއްބަސްވެއްޖެ އެވެ.
އެގޮތަށް އެއްބަސްވެފައިވަނީ، ވެސްޓު ޕާކު ކައިރީގައި ހުންނަ މ. ލާލްޕޫލްގެއާގޭގައި އެ ތިން ބޭފުޅުން މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހު އެވެ. އެ މަޝްވަރާ ބައްދަލުވުމާގުޅޭގޮތުން ތިން ބޭފުޅުންގެ ސޮޔާއެކު ނެރުނު ބަޔާނުގައި ފުރަތަަމަ ކަމަށް ގޮވާލާފައިވަނީ، ޖަލު ބަންދެއްގައި ތިބި ނޫސްވެރިން ދޫކޮށްލުމަށާއި ނޫސްވެރިންގެ މައްޗަށް ހިންގާ ޝަރީއަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށެވެ. އަދި، އެކަމާ ދެކޮޅަށް އަޑުއުފުލަމުންދާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ވެސް ގޮވާލި އެވެ.
މި ތިން ރައީސުން ގުޅިގެން މަސައްކަތް ފެއްޓެވި ސަބަބަކަށް މި ސަރުކާރުން ގޯސްކޮށް ކުރަވަމުންދާ މައިގަނޑު ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ:
-
މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި ނޫސްވެރިން ޖަލަށް ލުން
- ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލުމާއި ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވުން
-
ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގަނެފައިވީ ނަމަވެސް އެކަންކަން އިސްލާހުކުރުމަށް ސަރުކާރު ނުކުޅެދުން
-
ރައްޔިތުންގެ މުދާ އަމާނާތްތެރިކަމާ އެކު ބެލެހެއްޓޭ ކަމުގެ އިތުބާރު ގެއްލުން
-
ރައްޔިތުންގެ ބާރު ކެނޑި އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދިޔުން
މި ބައްދަލުވުމަށްފަހު ތިން ރައީސުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީގޮތުން ހުރި ހިޔާލު ތަފާތުވުންތަކާއެކު އެ މަސައްކަތް ކުރެވިދާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި އެވެ. ޖަވާބުގައި ތިން ބޭފުޅުން ވެސް ވިދާޅުވީީ، މިރޭ އެއް މޭޒަކަށް އަރައި އެއްބަސްވީ ސިޔާސީ ހިޔާލު އެއްގޮތްވެގެން ނޫން ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށް އެ ތިން ބޭފުޅުންނަށް ވެސް އެއްބަސްވެވޭތީ އެކަމުގައި ދިފާއުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހިޔާލު ތަފާތުވުންތައް އެއްގޮތް ނުވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އެކަމަކު މިއަދު ކުރައްވަނީ އެ މަސައްކަތް ނޫން ކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ އެތެރޭގައި ވެސް ނަޝީދާއި ސޯލިހާމެދު ހިޔާލު ތަފާތުވުން އުފެދި މައްސަލަޖެހިފައިވާކަން ފާހަގަކޮށް، އެކަމުގެ ސަބަބުން އެކުގައި ފެއްޓެވި މި މަސައްކަތައް އެއްވެސް ބުރުލެއް އަރާނެތޯ ވެސް ނޫސްވެރިން ސުވާލުކުރި އެވެ. ޖަވާބުގައި ސޯލިހު އަދި ނަޝީދު ވެސް ވިދާޅުވީ އެފަދަ އުނދަގުލެއް ނެތް ކަމަށެވެ. ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ ސޯލިހާއި ވަކިން މަސައްކަތްކުރާ ބޭފުޅެއް ނޫން ކަމަށާއި ދެބޭފުޅުންނަކީ ވެސް އެމްޑީޕީގެ ރައީސަކަން ކުރެއްވި ބޭފުޅުންނަށް ވުމުން އެކަމުގައި އެއްގޮތް ހިޔާލުތަކެއް ހުންނާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ، ނަޝީދާއި ސޯލިހާއެކު މަސައްކަތް ކުރައްވަން ނިންމެވީ، މި ސަރުކާރުން ހުދު މުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާތީ ކަމަށެވެ.
"އެހެންވެ، ރޮގެއް ދަމާލާފައި އަޅުގަނޑުމެން ތިން މީހުން މި އެއްބަސްވީ އެނަފް އިޒް އެނަފް އޭ. އަޅުގަނޑުމެން ތިން މީހުންނަކީ މިދިޔަ 20 އަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އިސް ސަފުގައި މަސައްކަތްކުރި ތިން މީހުން. އެހެންވީމާ އަޅުގަނޑުމެންގެ ޒަމީރު އެބަ ބުނޭ ރާއްޖޭގެ ސްޓްރެސް ލެވަލް މިހާވަރަށް އުފުލިގެންދާއިރު އަޅުގަނޑުމެންގެ ޒިންމާއެއް އެބަ އޮތޭ. އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރީ މިއީ ރައްޔިތުންނާއެކީ މިހާރު ދެން އަޅުގަނޑުމެން ނިކުންނަން ވެއްޖެޔޭ އުފާވެރި ދުވަސްތަކެއް ހޯދަދިނުމުގައި،" ޔާމީން ވިދާޅުވި އެވެ.
އެ މަސައްކަތް ކުރާނެ ވަކި މުއްދަތެއް އެ މަޝްވަރާތަކުގައި ނިންމާފައިނުވާ ކަމަށާއި ސަރުކާރުން އިދިކޮޅުގެ އަޑުތައް އަހައި ދޫދެން ދެން ދޫ ނުދީ އެ މަސައްކަތް ކުރާނެ ކަމަށް ވެސް ތިން ބޭފުޅުން ވިދާޅުވި އެވެ.




