ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)، ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ތަކުރާރުކޮށް ޚިލާފުވުމާ ގުޅިގެން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ) ޕީއެންއެފްގެ ލީޑަރު، ރައީސް ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، އެ ޕާޓީން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަން އިސްލާހުކޮށްފައި ނުވާކަމަށާއި، އެ ކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނުން އެދުމުންވެސް އެ ފުރުޞަތުގެ ބޭނުން ހިފާފައި ނުވާކަމަށް އީސީން ފާހަގަކޮށްފައިވެއެވެ.
އީސީގެ ސިޓީގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާއާ ޕީއެންއެފުން ތަކުރާރުކޮށް ޚިލާފުވެފައިވާތީ، އެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން އެ ޕާޓީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ޕީއެންއެފާއި އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ޤާނޫނާ ޚިލާފު އަމަލުތައް ހިންގުން ހުއްޓާނުލާނަމަ، އެފަދަ ކަންކަމުގައި ބައިވެރިވާ ފަރުދުންނާ މެދުވެސް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.
ކޮމިޝަނުން އިތުރަށް ބަޔާންކޮށްފައިވަނީ، ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ހަރަކާތްތައް ހިންގަންވާނީ ސިޔާސީ ޕާޓީގެ ޤާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނުގެ އިތުރުން ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ޤަވާއިދުތަކުގެ އިމުގެ ތެރެއިން ކަމަށެވެ.




