އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 އަށް ބަދަލު ގެނައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ބަލައި ދިރާސާކުރުމަށްފަހުއެވެ.
އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ 'މެތަލްފެނެޑޭޓް' ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދިން ލަފައަށް ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ. ކުރިން ރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކުގެ ތެރޭގައި ހިމެނޭ މި ބޭސް، މަނާ ތަކެތީގެ ލިސްޓުން އުނިކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ތާއީދުކޮށްފައެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން މި ބޭސް އެތެރެކުރުމަށް ރުހުން ދީފައިވާއިރު، މަޖިލީހުގެ ތަޅުމުންވެސް ވަނީ ބައިވެރިވި ހުރިހާ މެންބަރުންގެ ވޯޓާއެކު މި ބޭސް މަނާ ތަކެތީގެ ލިސްޓުން އުނިކޮށް އެތެރެކުރުމުގެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ.
މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދެވޭ އެންމެ މުހިއްމު އެއް ފަރުވާއެވެ. އޭޑީއެޗްޑީއަކީ ކުޑަކުދިންގެ މެދުގައި އާންމުކޮށް ފެންނަ ހެދިބޮޑުވުމުގެ ޙާލަތަކަށްވާއިރު، އެކި ކަހަލަ ތެރަޕީތަކާއި ބޭހުގެ އެހީގައި މިކަމުގެ އުނދަގޫތައް ކުޑަކުރެވޭނެކަން ދިރާސާތަކުން ސާބިތުވެއެވެ.
ކަމާބެހޭ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިއީ މިފަދަ ކުދިންގެ ފަރުވާއަށް ކޮންމެހެން ބޭނުންތެރި ބޭހެކެވެ.




