ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯނީގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 13:22 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.
އެ ސަރަހައްދަށް ގޮސް ފަޔަރފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 14:45 ހާއިރުއެވެ.
ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 5 މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދާފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.


