ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްއާއި އޮސްޓްރޭލިއަން ބޯޑާ ފޯސް ކޮމާންޑާ ދެމެދު މަދަނީ ކަނޑުމަތީގެ ސަލާމަތާ (ސިވިލް މެރިޓައިމް ސެކިއުރިޓީ) ގުޅޭ ހާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ ދެމެދުގައި ގުޅިގެން ތަމްރީނުތައް ހިންގުމާއި، ވިލަރެސްކުރެވިގެން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މައުލޫމާތާއި ފަންނީ ތަޖުރިބާ ބަދަލުކުރުމަށްޓަކައި އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް މި ފަހުމުނާމާގެ ދަށުން ގާއިމުކުރެވޭނެއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ، އޮޕަރޭޝަންތައް ހިންގުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ. އަދި ސަރަހައްދީ ކަނޑުގެ ސަލާމަތަށް ކުރިމަތިވާ އެކި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، މިހާރަށްވުރެ އަވަސް އަދި ފައިދާހުރި ގޮތެއްގައި އިޖާބަދިނުމަށް މަގުފަހިކުރުމަކީ ވެސް މި ފަހުމުނާމާގެ މުހިންމު ބޭނުމެކެވެ.
ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ދިފާއީ އަދި ސަލާމަތީ ރޮނގުން ގުޅުން ބަދަހިކުރުމަށް ފަހަކަށް އައިސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރުން ވަނީ "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެއްވެސް ހަދިޔާކޮށްފައެވެ.
މި އުޅަނދަކީ އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025 ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިއުލާންކުރެއްވި އުޅަނދެކެވެ.




