މަސްތުވާތަކެތީގެ ގާނޫނު މިހާރު އޮތް ގޮތުން، އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) އަށް ބޭނުންވާ މުހިންމު ބޭހެއް ރާއްޖެ އެތެރެކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގާނޫނީ ގޮތުން ކަށަވަރުކޮށްދޭ އިނާޔަތްތައް ފޯރުކޮށްދިނުމުގައި އިހުމާލުވަމުންދާ ކަމަށް ބުނެ ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ، އޭޑީއެޗްޑީ ހުންނަ ކުދިންނަށް ކޮންމެހެން ބޭނުންވާ "މިތައިލްފެނިޑޭޓް" ރާއްޖެ އެތެރެނުކުރެވެނީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލެއްގައި އެ ބޭސް ހިމަނާފައިވާތީ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ވަނީ މަނާ ބޭސްތަކުގެ ލިސްޓުން އެ ބޭސް އުނިކުރުމަށް އިއްތިފާގުން ފާސްކޮށްފައެވެ.
މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ޙާލަތެވެ. ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި އެކަމުގައި ޢަލާމާތްތައް ކުޑަކުރެވޭކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.



