ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގްވާމީ މާލީ ބާޒާރުން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށްޓަކައި ބޭރުގެ އިންވެސްޓަރުންނާއެކު ވާހަކަދައްކަން ފަށައިފިއެވެ. މިއީ ބައިނަލްއަގްވާމީ މާލީ ދާއިރާގައި އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރި މިންވަރު ބެލުމަށް އެ ބޭންކުން ކުރާ ފުރަތަމަ ތަޖުރިބާއެވެ.
ބީއެމްއެލްގެ ޑައިރެކްޓާ ފޯ ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން އަބްދުﷲ ހަސަން "ބްލޫމްބާގް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭޝިއާ އާއި މެދުއިރުމަތީގެ އިތުރުން ޔޫރަޕްގެ ފަންޑް މެނޭޖަރުންނާ ބައްދަލުކޮށް، ބޭންކުން ދޫކުރަން ނިންމާފައިވާ ޑޮލަރު ސުކޫކާ ބެހޭގޮތުން ހިޔާލު ބަދަލުކުރަމުންދާ ކަމަށެވެ. މި މަސައްކަތުގައި ބޭންކަށް އެހީތެރިކަން ފޯރުކޮށްދެނީ ދުބާއީގެ މަޝްރިގް ބޭންކުންނެވެ.
އަބްދުﷲ ހަސަން އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުގެ ގެރެންޓީއާއެކު މި ފައިސާ ހޯދުމަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ބޮޑަށް މާލީ އެހީތެރިކަން ދެނީ ބީއެމްއެލްއިންނެވެ.
މޫޑީސް ރޭޓިންގްސްގެ އެނަލިސްޓް މާކަސް ޔޫ ފާހަގަކުރެއްވި ގޮތުގައި، ދަތުރުފަތުރުގެ ދަތިތަކާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވުމުގެ ބިރު އެބައޮތެވެ. ނަމަވެސް، މި ސުކޫކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ވަދެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި އާ ރިސޯޓް މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށް ބޭންކުން ގަބޫލުކުރެއެވެ.
ސަރުކާރުގެ 50.8 އިންސައްތަ ހިއްސާ އޮންނަ ބީއެމްއެލް މެދުވެރިކޮށް ފައިސާ ހޯދުމަކީ، ސަރުކާރުން ސީދާ މާލީ ބާޒާރަށް ނުކުތުމަށްވުރެ މިވަގުތަށް ފަސޭހަ ގޮތެއް ކަމަށް މޫޑީސްގެ އެނަލިސްޓް ވިދާޅުވިއެވެ. ދިވެހި ސަރުކާރުން ވަނީ މިދިޔަ މަހު 500 މިލިއަން ޑޮލަރުގެ ސުކޫކަކަށް ފައިސާ ދައްކާ ހަލާސްކޮށްފައެވެ.




