ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގެންފި އެވެ.
މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ އެމަނިކުފާނާއި އަނބިކަނބަލުންގެ އިތުރުން، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނަށް ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއާއި، އަދާކުރެއްވި ދީލަތި މެހެމާންދާރީއަށްޓަކައި ރައީސް ޑިސަނާޔަކެއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމަކީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީޚެއް އޮތް ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، މި ދަތުރުފުޅަކީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތަޢުލީމު، އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. ޚާއްޞަކޮށް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ފަދަ ދެ ޤައުމަށް އާންމު ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން ވަކާލާތުކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދިވެހީންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ޤަދަރާއި އިޙްތިރާމަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރުކަމުގަ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ސްރީލަންކާގެ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު އެރުވި އެވެ.
މި ރަސްމީ ޖާފަތުގައި ދެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.




