ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ފެންނަ މީޑިއާ ފައިލްތައް ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 22 އަހަރުގެ ޒުވާނާ، ކާފީ ހެކި ނެތުމުގެ ސަބަބުން ކްރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ މަހު ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށީ، މޫނިމާގެ، އާދަމް އަދްލާން ލަތީފެވެ. އޭނާ ދޫކޮށްލުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ޑިޖިޓަލް ފައިސާ ބޭނުންކޮށްގެން މިފަދަ ތަކެތި ގަނެވިއްކި ކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް، އެކަމަށް ބާރުދޭނެ އެކަށީގެންވާ ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ.
ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޓަޕޮލްގެ މެއިލްއެއްގައި އޭނާގެ ޑިޖިޓަލް ވޮލެޓަކީ ޝައްކުކުރެވޭ މުއާމަލާތްތަކެއް ހިނގާފައިވާ އެއްޗެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ލިޔުން ޝަރީއަތަށް ހުށަހަޅާފައެއް ނުވެއެވެ. އަދި ތަހުގީގުގައި ބަޔާން ދިން އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް އެފަދަ ވާހަކައެއް ދައްކާފައި ނުވާކަން ވެސް ކޯޓުން ފާހަގަކުރިއެވެ. އޭނާ ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށާއި ރަށުން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައެވެ.
ފުލުހުންގެ ތަހުގީގާ ހަވާލާދީ ކުރިން ބުނެފައިވަނީ، ބައިނޭންސް އެކްސްޗޭންޖް މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ވިއްކާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު އިލެކްޓްރޯނިކް ސާމާނުތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ހިންގި ތަހުގީގަކަށް މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ.




