ކައިވެނީގެ ވަގުތުގައި ދޭނެ ތަގުރީރުތަކުން ފެށިގެން، އިދާރީ ކަންކަމާއި، ނަފްސާނީ ބޮޑެތި ހިތާމަތަކާ ކުރިމަތިލުމުގައި ވެސް މިއަދު އޭއައި އަކީ އަހަރުމެންގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. އިންސާނުންނަށް އެކަނި ކުރެވޭނެ ކަމަށް ކުރިން ހީކުރި ކަންކަންކަމުގައި "ފުޅިމަދު އުނގުރިއަކަށް ފުދޭ' ކަހަލަ އެހީތެރިޔަކަށް ވެފައި މި އޮތީ މިއަދު އޭއައި އެވެ.
މީގެ ކުރިން ނަމަ ހަނދާން ބެހެއްޓުމަށް ނޯޓުފޮތެއް ގެންގުޅުނެވެ. ހިސާބު ހެދުމަށް ކަލްކިއުލޭޓަރު އަދި މަގު ހޯދުމަށް ޗާޓެވެ. ނަމަވެސް، އޭއައި އާއެކު މި ދާއިރާ ފުޅާވެއްޖެއެވެ. މައުލޫމާތު ދިރާސާކުރުމާއި، އާ ޚިޔާލުތައް އުފެއްދުމާއި، ގޮތް ނިންމުން ފަދަ ކަންކަން ވެސް މިހާރު މިދަނީ އޭއައި އަށް ދޫކޮށްލަމުންނެވެ.
އަމިއްލަ ވިސްނުން ދޫކޮށްލުން
ދިރާސާތަކުން ދައްކާ ގޮތުގައި، އޭއައި ބޭނުންކުރާ މީހުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. އެއީ އޭއައިގެ އެހީގައި އުގެނުމާއި، އޭއައި އަށް މާބޮޑަށް ބަރޯސާވެ އަމިއްލައަށް ފިކުރުކުރުން ހުއްޓުމަކަށް އައުމާ ދެމެދު އޮތް ނުތަނަވަސްކަމެވެ.
ޚާއްސަކޮށް ގާނޫނީ ދާއިރާ، މާލީ ކަންކަން، އަދި ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތްކުރާ މީހުން އޭއައިގެ ގޯސްތަކުގެ ޝިކާރައަކަށް ވުމުގެ ބިރު ބޮޑެވެ. ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަކީލުން ބުނާ ގޮތުގައި އޭއައިގެ ސަބަބުން ނުބައި މައުލޫމާތު ލިބިފައިވީ ނަމަވެސް، ގޮތް ނިންމުމުގައި އޭއައިގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ.
މިއަށް ކިޔަނީ "ވިސްނުމުގެ ބާރު ދޫކޮށްލުން" ނުވަތަ އަމިއްލަ ފިކުރު ކުރުން ހުއްޓާލުމެވެ. މީގެ މާނައަކީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ކުރުމުގެ ބަދަލުގައި، ހަމައެކަނި އޭއައި ދައްކާ މަގަކުން ހިނގުމެވެ. އަމިއްލައަށް ގޮތް ނުނިންމާ ނަމަ، އިންސާނާގެ އަމިއްލަވަންތަކަން ގެއްލިގެންދެއެވެ.
ތަޖުރިބާކާރުންނަށް ވާނީ ކިހިނެއް؟
އޭއައި އުފައްދާ ކުންފުނިތަކުން ބުނަނީ އޭއައި އިން މަސައްކަތްތައް ކުރި ނަމަވެސް، އެކަންކަން ބަލައި ބެލެހެއްޓުމަށް އިންސާނުން ބޭނުންވާނެ ކަމަށެވެ. ނަމަވެސް މީގައި ބޮޑު ފުށުއެރުމެއް އެބައޮތެވެ.
ކަމަކަށް ކުޅަދާނަވެވެނީ އެކަމެއްގައި އަމިއްލައަށް ބުރަ މަސައްކަތް ކޮށްގެންނެވެ. އޭއައި މެދުވެރިކޮށް ކުރުކޮށް އަވަހަށް، ކަންކަން ނިންމާ ނަމަ، ކަމުގެ ތަޖުރިބާކާރަކަށް ވުމުގެ ފުރުސަތު ގެއްލިގެންދެއެވެ. އަހަރުމެން މިދަނީ ތަޖުރިބާކާރަކަށް ވުމަށް އޮތް މަގު ބަންދުކުރަމުންނެވެ. އެކަމަކު ހަމަ އެވަގުތު އުންމީދު މިކުރަނީ މި ސިސްޓަމްތައް ހިންގަން ދުނިޔޭގައި ތަޖުރިބާކާރުން ތިބޭނެ ކަމަށެވެ.
އޭއައި އާއެކު އޮތް އާ ގުޅުން
އޭއައިގެ ސަބަބުން އިންސާނުންނަށް އުފާވެރިކަމާއި ކުރިއެރުން ލިބިދާނެއެވެ. ނަމަވެސް، އޭއައި އަހަރުމެންގެ ދިރިއުޅުމުގެ އެންމެ އެތެރެއަށް ވަދެގަންނައިރު، އަހަރުމެންގެ އަމިއްލަވަންތަކަން ހިފަހައްޓާނީ ކިހިނެއް ހެއްޔެވެ؟
މި ޒަމާނުގައި ދަސްކުރަންޖެހޭ އެންމެ މުހިންމު ހުނަރަކީ:
-
އޭއައި އަށް ބަރޯސާވާންވީ ވަގުތާއި،
-
އަމިއްލައަށް ވިސްނައިގެން މަސައްކަތް ކުރަންވީ ވަގުތު ދެނެގަތުމެވެ.
ކަސްރަތު ކުރާނެ ގޮތް މެޝިނަކަށް ކިޔައިދެވިދާނެއެވެ. ނަމަވެސް މަސްތައް ވަރުގަދަވާނީ އަމިއްލައަށް އެ ކަސްރަތު ކޮށްގެންނެވެ.
އޭއައި އަކީ ހަމައެކަނި ބޭނުންކޮށްލާ ނޯޓުފޮތެއް ނޫނެވެ. މިއީ އަހަރުމެންގެ ވިސްނުމާ ގުޅިފައިވާ، އަދި އަހަރުމެންގެ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށްދޭ ބައިވެރިއެކެވެ.
އަހަރުމެން މިދަނީ އާދަޔާ ހިލާފު ޒަމާނަކަށެވެ. މިއީ ހަމައެކަނި މެޝިނެއް ނޫނެވެ. މިއީ އަހަރުމެންގެ ވިސްނުމުގެ ބައެކެވެ. އެހެންކަމުން، އޭއައި އަކީ އަމިއްލަ ޒިންމާތަކުން ރެކެން އޮތް މަގެއްގެ ބަދަލުގައި، އަމިއްލަ ގާބިލިއްޔަތު އިތުރުކުރާ ބައިވެރިއަކަށް ހެދުން މުހިންމެވެ. ތިމާގެ އަމިއްލަ ވިސްނުމާއި ފިކުރު އޭއައި އަށް އެއްކޮށް ދޫކޮށްނުލާށެވެ.




