ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން، ހާއްސަކޮށް ހަމާސްއިން، ހަތިޔާރު ބަހައްޓައި އަމާން ނުދީފިނަމަ، މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އަލުން އަސްކަރީ ހަމަލާތައް ދޭން ފަށާނެކަމުގެ އިންޒާރު އިސްރާއީލުގެ އޮފިޝަލުން ދީފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހެދުމާއި، ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ބަލަހައްޓާ ބައިނަލްއަގުވާމީ ބާރުތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާތީ، އަލުން ހަނގުރާމައަކަށް ދިއުމަކީ "ނުވެ ނުދާނެ ކަމެއް" ކަމަށެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްއިން މުޅިން ހަތިޔާރު ބެހެއްޓުމުން ނޫނީ މި ހަނގުރާމަ ނިމުމަކަށް ނާންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
މި ނުތަނަވަސްކަން އުފެދިފައިވަނީ، އިންސާނީ އެހީ ފޯރުކޮށްދިނުމާއި ގައްޒާ އަލުން އާރާާދުކުރުން، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ހަތިޔާރު ބެހެއްޓުމާ ގުޅުވައިގެން އެމެރިކާއިން ހުށަހަޅާފައިވާ ޕްލޭނެއްގެ ސަބަބުންނެވެ. ފަލަސްތީނުގެ ޖަމާއަތްތަކުން މި ހުށަހެޅުން ގަބޫލެއް ނުކުރެއެވެ. އެފަރާތްތަކުން ބުނަމުންދަނީ އެއްވެސް ޝަރުތަކާ ނުލައި ހަތިޔާރު ބެހެއްޓުމުގެ ބަދަލުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ޔަގީންކަމާއި، އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނައުން ހިމެނޭ ސިޔާސީ ހައްލެއް ބޭނުންވާ ކަމަށެވެ.
2025 ވަނަ އަހަރުގެ ފަހުކޮޅު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރެވެމުންދާތީ، ގައްޒާގެ އާއިލާތަކުން ތިބީ އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން ދަނީ މި ނުތަނަވަސްކަމުގެ ތެރެއިން އަލުން ބޮޑު ހަނގުރާމައެއް ފެށުނު ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އަލުން ހަމަލާތައް ދޭން ފަށާނެ ވަކި ތާރީހެއް އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންގެ ޝަރުތުތަކަށް އަމަލުނުކޮށްފިނަމަ، އިސްރާއީލުން އޮތީ އަސްކަރީ ގޮތުން އެކަމަށް ތައްޔާރުވެފައިވާ ކަމަށް ބެލެވެއެވެ.




