ދިވެހިރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ އެންމެ ބޮޑު އެއް ވައިބާ ކޮމިއުނިޓީ ކަމަށްވާ 'ކަރަންސީ އެކްސްޗޭންޖް އެމްވީ' ވައިބާ އިން ބްލޮކްކޮށްފިއެވެ.
ދިހަ ހާހަށްވުރެ ގިނަ މެންބަރުން ހިމެނޭ މި ގްރޫޕް ބަންދުކޮށްފައިވަނީ ވައިބާގެ 'ޕަބްލިކް ކޮންޓެންޓް ގައިޑްލައިން' ތަކާ ހިލާފުވެގެން ކަމަށް އެ އެޕްލިކޭޝަނުން ދައްކާ މެސެޖުގައި ބަޔާންކޮށްފައިވެއެވެ.
މި ގްރޫޕަކީ ރާއްޖޭގެ ނުރަސްމީ ބާޒާރުގައި ޑޮލަރުގެ ރޭޓު ހުރި މިންވަރު ބަލައިލުމަށް ގިނަ ބަޔަކު ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. ގްރޫޕްގައި ކޮށްފައިވާ ޕޯސްޓުތަކަށް ބަލާއިރު، ދުވާލެއްގެ މައްޗަށް އެތައް ލައްކަ ޑޮލަރެއްގެ މުއާމަލާތް މި ގްރޫޕް މެދުވެރިކޮށް ހިންގަމުންދާކަން ފާހަގަކުރެވެއެވެ.
މި ގްރޫޕްގައި ޑޮލަރު ވިއްކާ ފަރާތްތަކުން އަގުތައް ހާމަކުރަމުންދާއިރު، ގަންނަން ބޭނުންވާ ފަރާތްތަކުން ވެސް އެ މީހަކު ބޭނުންވާ އަގުތައް ހުށަހަޅައި މުއާމަލާތް ކުރަމުންދެއެވެ.
ވައިބާ ފަދަ މަންސަތަކުން އާންމުކޮށް މިފަދަ ގްރޫޕްތައް ބަންދުކުރަނީ، އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިންގާ ހަރަކާތްތަކާއި، މަކަރާއި ހީލަތުގެ އަމަލުތަކަށް މަގުފަހިވާތީއެވެ. ޑޮލަރުގެ މުއާމަލާތްތަކުގައި އޮޅުވާލުމުގެ މައްސަލަތައް ކުރިމަތިވެ، އާންމުންނަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، ކަމާބެހޭ އިދާރާތަކުން މިފަދަ މައްސަލަތައް ބަލަމުންދެއެވެ. އެހެންކަމުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) ނުވަތަ ފުލުހުންގެ އިދާރާއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ވައިބާ އިން މި ފިޔަވަޅު އެޅީ ކަމަށް ބެލެވޭ ފުރުސަތު އެބައޮތެވެ.
ނަމަވެސް، މި މައްސަލައާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.




