މިހާރު ހަމައެކަނި ރަސްމީ ދުވަސްތަކުގައި ހުޅުވަމުން އަންނަ ގައުމީ ދާރުލްއާސާރަށް ވަދެ، އެތަނުގެ ތަކެތި ބަލާލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް އެތަން ހުޅުވަން ހެރިޓޭޖް މިނިސްޓްރީން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ހީނާ ވަނީ މިކަން ހާމަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، ގައުމީ ދާރުލްއާސާރު މިހާރު ހުޅުވާފައި ހުންނަނީ ހަމައެކަނި ރަސްމީ ދުވަސްތަކުގައި ކަމަށްވީ ނަމަވެސް، އެ ތަނުގައި ހުރި ތާރީޚީ ތަކެތި ބަލައި ދިރާސާކުރުމުގެ ފުރުސަތު ފުޅާކުރުމުގެ ގޮތުން، ކޮންމެ ހޮނިހިރު ދުވަހަކު ވެސް ދާރުލްއާސާރު ހުޅުވުމަށް މިހާރު ވަނީ ނިންމަވާފައެވެ.
އެގޮތުން، 18 މެއި 2026 އިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އާންމުންނަށް ވަދެވޭ ގޮތަށް ދާރުލްއާސާރު ހުޅުވާފައި ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ދަރިވަރުންނަށާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ލުއިފަސޭހަ ވަގުތުތަކެއްގައި ދާރުލްއާސާރަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމެވި ނިންމުމެކެވެ.
މީގެ އިތުރުން، ރަސްމީ ދުވަސްތަކުގައި ވެސް ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތު ރޭގަނޑަށް އިތުރުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެގޮތުން، ރޭގަނޑު 9:00 ނުވަތަ 10:00 އާ ހަމައަށް ދާރުލްއާސާރު ހުޅުވާފައި ބެހެއްޓުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ގައުމީ ދާރުލްއާސާރަކީ ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި ތާރީޚީ ތަރިކައިގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ލިބެން ހުރި އެންމެ މުހިންމު މަރުކަޒެވެ. މިއީ ތަޢުލީމީ ބޭނުންތަކަށާއި މައުލޫމާތު ހޯދުމަށް ސްކޫލް ދަރިވަރުންނާއި ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރާ ތަނެކެވެ.



