ކެނެޑާގެ ވޭންކޫވަރުގައި އިއްޔެ ބޭއްވި ފީފާ ކޮންގްރެސްގެ ތެރެއިން، ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް، އިޒްރޭލުގެ ފުޓްބޯޅަ އިދާރާގެ ނައިބު ރައީސް ބާސިމް ޝެއިޚް ސުލައިމާނާ ސަލާމްކުރަން ދެކޮޅު ހައްދަވައިފިއެވެ.
މި ހާދިސާ ހިނގީ ދެ ބޭފުޅުން ކޮންގްރެސްގައި ވާހަކަދެއްކެވުމަށްފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެ ބޭފުޅުން ސްޓޭޖަށް އެރުއްވުމުންނެވެ. ސްޓޭޖްމަތީގައި ދެ ބޭފުޅުން ތިއްބެވީ ވަރަށް ދުރުގައެވެ. އަދި ރަޖޫބް ވަނީ މައިކްތަކާ ދުރުގައި ހުންނަވައި ބާރަށް އަޑުގަދަކުރައްވައި އިހުތިޖާޖު ކުރެއްވުމަށްފަހު ސްޓޭޖުން ފައިބާވަޑައިގެންފައެވެ.
ވެސްޓް ބޭންކްގެ މައްސަލަ ކޯޓަށް
ކޮންގްރެސްގައި ވާހަކަދައްކަވަމުން ރަޖޫބް ވިދާޅުވީ، އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކްގެ ފަލަސްތީނު ބިންތަކުގައި ހަދާފައިވާ އާބާދީތަކުގެ ކްލަބްތަކަށް އިޒްރޭލުގެ ލީގުގައި ކުޅުމުގެ ފުރުސަތު ދިނުމަކީ ފީފާގެ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. މިދިޔަ މާޗް މަހު ފީފާއިން ވަނީ މި މައްސަލައިގައި އިޒްރޭލު ސަސްޕެންޑް ނުކުރަން ނިންމާފައެވެ. އެހެންކަމުން މި މައްސަލަ މިހާރު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް އަށް ހުށަހަޅާފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ނަމަވެސް، އިޒްރޭލުގެ ކްލަބަކާ ގުޅޭ ވަކި މައްސަލައެއްގައި "ނަސްލީ ތަފާތުކުރުމާއި ހުތުރު އަމަލުތައް ހިންގުމުގެ" ކުށުގައި ފީފާއިން ވަނީ އިޒްރޭލު ފުޓްބޯޅަ ފެޑެރޭޝަން 190,000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
އިންފަންޓީނޯގެ އިލްތިމާސް
ދެ ބޭފުޅުން ސްޓޭޖުން ފައިބާވަޑައިގަތުމުން، އިންފަންޓީނޯ ވަނީ ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް އިލްތިމާސްކުރައްވާފައެވެ. "ރައީސް ރަޖޫބް، ނައިބު ރައީސް ސުލައިމާން، ހިނގާބަލަ އެކުގައި މަސައްކަތްކުރަން. ކުޑަކުދިންނަށް އުންމީދެއް ދިނުމަށްޓަކައި އެކުގައި މަސައްކަތް ކުރަމާ ހިނގާ،" އިންފަންޓީނޯ ވިދާޅުވިއެވެ.
"އިޒްރޭލަށް ފީފާގައި އޮތުމުގެ ހައްގު އެބައޮތްތަ؟"
ކޮންގްރެސްއަށްފަހު ރަޖޫބް ވަނީ ވަރަށް އަސަރުގަދަ ވާހަކަފުޅެއް ދައްކަވާފައެވެ. އޭނާ ސުވާލު އުފެއްދެވީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމަކަށް ފީފާގެ މެންބަރެއްގެ ގޮތުގައި އޮތުމުގެ ހައްގު އޮންނާނެތޯއެވެ. "އަޅުގަނޑު އަދިވެސް މިދަނީ ފީފާގެ ގާނޫނީ ހަމަތަކުގެ މަތިން މިކަން ކުރަމުން. އެކަމަކު އިޒްރޭލުން ފީފާގެ ގަވާއިދުތަކާއި އިންސާނީ ހައްގުތަކާ ހިލާފުވާތީ އެ ގައުމަށް އަދަބު ދޭންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.
އިޒްރޭލު ފެޑެރޭޝަންގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ ޔަރިވް ޓެޕަރ، ރަޖޫބްގެ ވާހަކަތަކަށް ސީދާ ރައްދެއް ނުދެއްވި ނަމަވެސް، ފަލަސްތީނާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ވިދާޅުވިއެވެ.
ފަލަސްތީނުން މި މައްސަލަ ފީފާގައި އުފުލާތާ މިހާރު 15 އަހަރު ވެއްޖެއެވެ. ނަމަވެސް މިހާތަނަށް މިކަމަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.




